ސިފައިންގެ އަދި ފުލުހުންގެ ހިދުމަތުގައި ގިނަ ދުވަސްތަކެއް ވާން ދެން ހިދުމަތް ކޮށްދެއްވި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަބްދުއްޝަކޫރު އަބްދުﷲ އަވަހާރަވެއްޖެ އެވެ.
އަބްދުއްޝަކޫރު އަކީ ސިފައިންގެ އަދި ފުލުހުންހެ ހިދުމަތުގައި 40 އަށް ވުރެ ގިނަ އަހަރުގައި ހިދުމަތް ކުރެއްވި ބޭފުޅެކެވެ. އެ ދެ މުއައްސަސާގައި ވެސް އޭނާ ވަނީ އިސް މަގާމުތަކެއް ފުރުއްވާފައެވެ.
ރައީސް މުއިއްޒު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ އަބްދުއްޝަކޫރުގެ އާއިލާއަށާއި ސިފައިންނާއި ފުލުހުންނަށް ތައުޒިޔާ ފޮނުއްވާފައެވެ. ރައީސް ވިދާޅުވީ އަބްދުއްޝަކޫރު އަބްދުﷲ އަވަހާރަވި ޚަބަރުއެހީ ފުން ހިތާމައާއެކުގައި ކަމަށެވެ.
މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ޢަބްދުއްޝަކޫރު ޢަބްދުﷲ ލެހެއްޓެވުން އެދި ރައީސް ވަނީ ދުޢާ ކުރައްވާފައެވެ.
އަބްދުއްޝަކޫރަކީ ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާއިން ރާއްޖެ ދިފާޢުކުރެއްވުމަށް ހިތްވަރާއެކު ޖިހާދުކުރެއްވި ދިވެހި ސިފައިންގެ ލަޝްކަރުގައި ހިމެނިވަޑައިގަތް ބޭފުޅެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ޖަލުތަކުގެ ޙާލަތާއި އިންތިޒާމުތައް ރަނގަޅު ކުރެއްވުމާއި މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތްކުރެއްވުމުގެ މަސައްކަތުގައިވެސް އިސް ދައުރެއް އަދާކުރެއްވި ކަމަށާއި ، އެއީ ތަޖުރިބާކާރު ހަރުދަނާ ދިވެހި ދަރިއެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ، އަބްދުއްޝަކޫރުގެ މުޅި ހަޔާތްޕުޅުގައިވެސް އިސްކުރެއްވީ ގައުމު ކަމަށެވެ.