މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ 15 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި، 5 މިލއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ތަފާސްހިސާބުގޮތުން ދައްކާ ގޮތުގައި، މި ރޯދަމަހުގެ ފުރަތަމަ 15 ގައި ފިތުރު ޒަކާތުގެ ގޮތުގައި ޒަކާތު ހައުސްއަށް ވަނީ 5.48 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ ފާއިތުވި ތިން އަހަރުގެ އެ މުއްދަތުގައި ލިބުނު އަދަދަށް ވުރެ އިތުރު އަދަދެކެވެ. މިދިޔަ އަހަރު ރޯދަ މަހުގެ ފުރަތަމަ 15 ގައި، 4.46 މިލިއަން ރުފިޔާ ލިބިފައިވާއިރު، 2024 ވަނަ އަހަރު ލިބިފައިވަނީ 2.63 މިލިއަން ރުފިޔާ އެވެ. އަދި 2023 ވަނަ އަހަރު ލިބިފައި ވަނީ 2.79 މިލިއަން ރުފިޔާ އެވެ.
ފިތުރު ޒަކާތް މިދިޔަ މަހުގެ 22 ވަނަ ދުވަހުން ފެށިގެން އަންނަނީ ބަލައިގަންނަމުންނެވެ. ފަހު ދިހައިގެ ދުވަސްތަކުގައި ވެސް އިދާރާތަކުންނާއި އޮންލައިންކޮށްވެސް ފިތުރު ޒަކާތް ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އޮންލައިން ކޮށް ފިތުރު ޒަކާތް ހަތް ޕުލެޓުފޯމަކުން ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެެވެ. އެއީ؛
- ދިރާގު މޯބައިލް އެޕްއާއި ދިރާގު ޕޭ ވެބްސައިޓް
- އުރީދޫ އެމް ފައިސާ މޯބައިލް އެޕް
- މޯލްޑިވްސް އިސްލާމިކް ބޭންކުގެ މޯބައިލް އެޕް
- ބޭންކް އޮފް މޯލްޑިވްސްގެ މޯބައިލް އެޕް
- ފަހިޕޭ މޯބައިލް އެޕް
- އަވަސް މޯބައިލް އެޕް
- ބަނޑޭރި ޕޭ ވެބްސައިޓް
އޮންލަައިންކޮށް ފިތުރު ޒަކާތް ބަލައިގަންނަން އުނދަގޫ ނުވަތަ އެކަމަށް އަހުލުވެރިނޫން ފަރާތްތަކަށް ހާއްސަކޮށްގެން، ކޭޝް ކާޑުން ޒަކާތް ބަލައިގަނެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ. އަތޮޅުތެރޭގައި ދިރިއުޅޭ ފަރާތްތަކަށް ކައުންސިލް އިދާރާއަށް ގޮސްގެން ވެސް ފިތުރު ޒަކާތް ދެއްކޭނެއެވެ.