MTCC

"ކައުންސިލުތައް ހޮވަނީ ސަރުކާރު ޖަވާބުދާރީކުރުވުމަށް ކަމަށް ބުނާ ބުނުން ގޯސް"

451666_fd53bd15-8_

"ކައުންސިލުތައް ހޮވަނީ ސަރުކާރު ޖަވާބުދާރީކުރުވުމަށް ކަމަށް ބުނާ ބުނުން ގޯސް"

SHARE

ލޯކަލް ކައުންސިލްތައް އިންތިހާބުކުރަނީ ސަރުކާރު ޖަވާބުދާރީކުރުވުމަށް ކަމަށް ބުނާ ބުނުމަކީ ގޯހެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އޮފީސް ހުޅުވުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ހާއްސަ ހަފްލާގައި ވާހަކަފުޅުދައްކަވަމުން ނެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގައި ތިން ބާރު ވަކިވެފައިވާއިރު، ކައުންސިލުތަކަކީ ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ ފަށަލަ އެކެވެ. އަދި އަންނަ އޭޕްރިލް ގައި އޮންނަ ކައުންސިލް އިންތިހާބުގައި، ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަގްސަދުގައި ވަކި ބަޔަކު އިންތިހާބުކުރެވިއްޖެނަމަ، އެ ރަށެއް ނުވަތަ އެ ސިޓީއެއްގައި ހިނގާނީ މުނިސިޕަލް އަދި ތަރައްގީގެ މަސައްކަތްތުގެ ބަދަލުގައި ސިޔާސީ މަސައްކަތްތައްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ރާވާފައިވާ، ފަށާފައިވާ އަދި ބަޖެޓުކުރައްވާފައިވާ ތަރައްގީގެ މަޝްރޫއުތައް ކާމިޔާބުކަމާއެކު ހަލުވި ދުވެލީގައި ކުރިއަށްގެންދިއުމަށްޓަކައި، ހުރިހާ ފެންވަރެއްގައިވެސް ރައްޔިތުންގެ މަންދޫބުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ތަރައްގީއަށް މިހާރު ވެސް ކުރަމުންދާ އެކި މަސައްކަތްތަކާއި އިޖުތިމާއީ މައްސަލަތައް ހައްލުކުރަން އަޅާ ފިޔަވަޅުތައް ތަންފީޒުކުރުމަށް ހުރަސްއެޅޭ ފަދަ އަމަލުތައް ބައެއް ކައުންސިލްތަކުން ހިންގުމުން، ބުރެކިޖެހި، މަޑުޖެހި ފަހަތަށް ޖެހެނީ ރައްޔިތުންގެ ތަރައްގީކަމަށެވެ.

މިސާލެއްގެ ގޮތުން އެމަނިކުފާނު ފާހަގަކުރެއްވީ، ފަތުރުވެރިންނަށް ސަފާރީތަކުން ރަލުގެ ވިޔަފާރި މީހުން ދިރިއުޅޭ ރަށްރަށާ 1 ކިލޯ މީޓަރު ކުރެވޭ ގޮތަށް އޮތް ގަވާއިދަށް ގެންނަ އިސްލާހު ރަނގަޅަށް ތަންފީޒު ނުކުރެވުމެވެ. އެގޮތަށް ގަވާއިދަށް ބަދަލު ގެނެވުނު ނަމަވެސް އެކަން ތަންފީޒުކުރަން ޖެހޭ މީހުން ދީނާ އިދިކީލަ ވިސްނުމެއް ގެންގުޅޭނަމަ، އެކަން ރަނގަޅަށް ނުކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މި ސަރުކާރަކީ، ފަރުދީ މަސްލަހަތަށްވުރެ، ގައުމީ މަސްލަހަތު އިސްކުރާ، އަދި ރައްޔިތުންނާ އެކު، ރައްޔިތުންގެ ފަޅީގައި މަސައްކަތްކުރާ ސަރުކާރެއްކަމަށް ރައީސް ތަކުރާރުކުރެއްވި އެވެ.