ިއަހަރު ރާއްޖެއިން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދިޔަ ހުރިހާ ދިވެހި ހައްޖުވެރިން، މުޒްދަލިފާގައި ރޭކުރުމަށްފަހު މިއަދު ހެނދުނު މިނާއަށް ގޮސްފިއެވެ.
ހައްޖުގެ އެންމެ މުހިންމު ރުކުން ކަމުގައިވާ އަރަފާތް ބިމުގައި މަޑުކުރުމަށްފަހު، ހުރިހާ ދިވެހި ހައްޖުވެރިން މުޒްދަލިފާއަށް ދިޔައީ ރޭގެ ވަގުތެއްގައެވެ. އަރަފާތާއި މުޒްދަލިފާއާ ދެމެދު ހުންނަނީ ގާތްގަނޑަކަށް ހަތް ކިލޯމީޓަރު ނަމަވެސް، މަގުމަތީގެ ޓްރެފިކް ބާރުބޮޑުވުމުގެ ސަބަބުން ހައްޖުވެރިންނަށް އެ ސަރަހައްދަށް ދެވުނީ ބަހުގައި ދެތިން ގަޑިއިރުގެ ދަތުރަކަށް ފަހުގައެވެ.
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން މައުލޫމާތު ދޭ ގޮތުގައި، ރާއްޖެއިން ހައްޖަށް ދިޔަ 1،019 ހައްޖުވެރިންގެ ހާލުވެސް އާންމުގޮތެއްގައި ރަނގަޅެވެ. އަދި ހުރިހާ ހައްޖުވެރިންވެސް މިހާރު ތިބީ މިނާގެ ޖަމްރަތުލް އަޤަބާއަށް ހިލައުކުމުގެ އަޅުކަމަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ.
މިއަހަރުގެ ހައްޖުގެ އިންތިޒާމުތަކާ ގުޅޭގޮތުން ހައްޖު ކޯޕަރޭޝަނުން ބުނީ، ދިވެހި ހައްޖުވެރިންނަށް ޚިދުމަތް ދިނުމުގައި މިއަހަރު ޚާއްސަ އިސްކަމެއް ދީފައިވާ ކަމަށެވެ. އެގޮތުން މިނާގައި ދިވެހިން ތިބުމަށް ވަކި ޚާއްޞަ ސަރަހައްދެއް ހަމަޖައްސާފައިވާއިރު، މީގެ ސަބަބުން ހައްޖުވެރިންނަށް ބޭނުންވާ އެހީތެރިކަމާއި އިރުޝާދު ދިނުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ސަރުކާރުން ހައްޖުގެ އިންތިޒާމުތައް ހަރުދަނާކުރުމަށް ކުރައްވާ މަސައްކަތުގެ ދަށުން، ހައްޖުވެރިންގެ ސިއްހީ ކަންކަމަށްވެސް ވަނީ ބޮޑު ސަމާލުކަމެއް ދީފައެވެ. އެގޮތުން މައްކާގައި ހައްޖުވެރިން ތިބޭ ހޮޓަލުގައި ކްލިނިކެއް ގާއިމުކޮށް، ޑޮކްޓަރުންނާއި ނަރުހުންގެ ޓީމަކުން އަންނަނީ ޚިދުމަތް ދެމުންނެވެ. މީގެ އިތުރުން ދީނީ ނަސޭހަތް ދިނުމަށް އިލްމުވެރިންގެ ޓީމެއްވެސް ހައްޖުވެރިންނާއެކު ހަރަކާތްތެރިވަމުންދެއެވެ.
ހައްޖުގެ އަޅުކަމުގެ ކުރިއަށް އޮތް ބައިތަކަށް ބަލާއިރު، މިއަދު ބޮޑު ޖަމްރާއަށް ހިލައުކުމަށްފަހު ދެން އޮންނާނީ ހަދްޔު ކަތިލުމެވެ. އެއަށްފަހު މިނާގައި ރޭކުރުމާއި، ތިން ޖަމްރާއަށް ހިލައުކުމާއި، ތަވާފުލް އިފާޟާގެ އިތުރުން ސައުޔުކުރުން ކުރިއަށްދާނެއެވެ. ހައްޖުގެ އަޅުކަން އެއްކޮށް ނިމޭނީ ވަދާއުގެ ތަވާފަށްފަހުގައެވެ.