މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ، ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިންހިއްކުމުގެ މަޝްރޫއުގެ މަސައްކަތް އަލުން ފަށައިފި އެވެ.
ބިން ހިއްކުމުގެ މަސައްކަތް އަލުން މިއަދު ފެށިއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަދު އެ ސަރަހައްދަށް ވަޑައިގެން، މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާފަ އެވެ.
ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓް (ސީއެމްސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ ދަށުން ޖުމުލަ 63 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. މި މަސައްކަތް ކުރިއަށްގެންދަނީ ބޮސްކާލިސްގެ 22,000 ސީ.ބީ.އެމްގެ ޑްރެޖަރެއްގެ އެހީގައެވެ. މި މަޝްރޫއުގެ ދަށުން މިހާތަނަށް 24 ހެކްޓަރުގެ ބިން ހިއްކާފައިވެ އެވެ.
އެ ސަރަހައްދު ބޭނުންކުރާނީ، ގެދޮރުވެރިކަމުގެ ބޭނުންތަކަށާއި ސިނާއީ ބޭނުންތަކަށާއި މެރީނާގެ ބޭނުމަށެވެ.