މީޑިއާގެ މިނިވަންކަމަށް ރައީސްގެ ތާއީދު

މީޑިއާގެ މިނިވަންކަމަށް ރައީސްގެ ތާއީދު

ސަރުކާރުގެ ބާރުގެ ދަށުން މީޑިއާތައް ކޮންޓްރޯލް ކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު އެކްސް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ އިސްލާމްދީނާއި ރާއްޖޭގެ ޤާނޫނު އަސާސީއާ ޚިލާފު ނުވާހާ ހިނދަކު، ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ދިރިއުޅޭ ކޮންމެ ދިވެއްސަކަށްވެސް އަމިއްލަ މިނިވަންކަމާއެކު އެމީހަކު ބޭނުން ކަމެއް ކުރުމުގެ ޙައްޤު އޮންނާނެ ކަމަށެވެ.

ރައީސްގެ މި ބަސްފުޅު އައިސްފައިވަނީ މީޑިއާ ކޮމިޝަނެއް އުފެއްދުމަށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު މަޖިލީހަށް ބިލެއް ހުށަހެޅުއްވުމާ ގުޅިގެންނެވެ. މި ބިލުގެ ސަބަބުން މީޑިއާތަކުގެ މިނިވަންކަމަށް ހުރަސްއެޅިގެންދާނެކަމުގެ ކަންބޮޑުވުން ނޫސްވެރިންގެ ފަރާތުން ވަނީ ފާޅުކޮށްފައެވެ.

މި ބިލުގެ ދަށުން މީޑިއާ ކޮމިޝަނަށް ނޫސްވެރިންނާއި މީޑިއާތައް ޖޫރިމަނާކުރުމާއި، ލައިސަންސް ހިފެހެއްޓުމުގެ ބާރު ލިބިގެންދާނެއެވެ. ނަމަވެސް މި ބިލަކީ ސަރުކާރުގެ ތާޢީދާއެކު ހުށަހެޅިފައިވާ ބިލެއްކަން އަދި ސާފެއް ނުވެއެވެ.

ރައީސް މުއިއްޒުގެ މި ބަސްފުޅަކީ މީޑިއާގެ މިނިވަންކަމަށް އެމަނިކުފާނު ދެއްވާ އަހައްމިއްޔަތުކަން ދައްކުވައިދޭ ބަސްފުޅެއް ކަމުގައި މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.