އަލިފާނުގެ ހާދިސާގެ ތަހުގީގަށް ބޭރުގެ އެހީ ހޯދަނީ

އަލިފާނުގެ ހާދިސާގެ ތަހުގީގަށް ބޭރުގެ އެހީ ހޯދަނީ

މިދިޔަ ބުރާސްފަތި ދުވަހު ތިން މިނިސްޓްރީ އަކާއި މާލެ ސިޓީ ކައުންސިލްގެ އިދާރާއެއް ހިންގަމުން އައި އިމާރާތުގައި ރޯވެ ހިނގި ބޮޑު އަލިފާނުގެ ހާދިސާގެ ތަހުގީގަށް ރާއްޖެއިން ބޭރުގެ ތަހުގީގީ އިދާރާތަކުގެ އެހީތެރިކަން ހޯދަން ނިންމާފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.

އެ ހާދިސާގައި ތިން މިނިސްޓްރީ އާއި މާލެ ސިޓީ ކައުންސިލް އިދާރާގެ ބޮޑު ބައެއް އަނދާ ބޭނުން ނުކުރެވޭ ވަރު ވެފައިވާއިރު، އެ މުދާތައް ވެސް ހަލާކުވެ ދައުލަތުގެ އެތައް ބައިވަރު ލިޔެކިޔުންތަކެއް ވެސް ވަނީ ގެއްލިގެން ގޮސްފަ އެވެ. އެ ދުވަހުގެ ފަތިހު ރޯވި އެ ބޮޑު ހުޅުގަނޑު ރޯވާން މެދުވެރިވި ސަބަބެއް އަދި ސާފުވެފައެއް ނުވެ އެވެ.

އެކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ވިދާޅުވީ އަލިފާނުގެ ހާދިސާއާ ގުޅޭ ތަހުގީގު މިހާރު ވެސް ފަށާފައިވާ ކަމަށާއި، އެވަރު ބޮޑު ހާދިސާއެއްގެ ތަހުގީގު އެންމެ ފުރިހަމައަށް ނުކޮށް ދޫކޮށްނުލައްވާނެ ކަމަށެވެ. އަދި އެކަމަށް ރާއްޖެއިން ބޭރުގެ އެހީތެރިކަން ހޯދާނެ ކަމަށެވެ.

"ވީހާވެސް އަވަހަކަށް، ކުރިއަށް މި އޮތް ދެތިން ދުވަހެއްގެ ތެރޭގައި އެ ޓީމު އަޅުގަނޑުމެންގެ އިންވެސްޓިގޭޝަން ޓީމާއެއްކޮށް މަސައްކަތް ކުރެވޭނެ މިންވަރަށް ކަންތައްތައް ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުގެ ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަސައްކަތް ކުރާނަން،" ސީޕީ ހަމީދު ވިދާޅުވި އެވެ.

ސީޕީ ވިދާޅުވީ އެތަނުގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް ސިފައިންނާއި ފުލުހުންގެ ހުރިހާ ވަސީލަތްތަކެއް ބޭނުންކުރި ކަމަށެވެ. ރޯވި އިމާރާތް ހުރި ސަރަހައްދު އަދިވެސް ބަންދުކޮށްފައި ހުރި އިރު، ސީޕީ ވިދާޅުވީ އެމްއެންޑީއެފުން މިހާރު އެތަން ތަހުގީގަށް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މިހާރު ތަހުގީގުގެ މަރުހަލާ ގޮސްފައިވާ ހިސާބު ހިއްސާކުރައްވާ ވިދާޅުވީ މިހާރު ކުރިއަށް ދަނީ ސީސީޓީވީ ފުޓޭޖްތައް ހޯދައި އެނަލައިޒް ކުރުމުގެ މަސައްކަތް ކަމަށެވެ.

މީގެ އިތުރަށް އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނާއި، މަންޒަރު ފެނުނު މީހުންގެ ބަޔާން ވެސް ނަގަން ފަށާފައިވާ ކަމަށް ވިދާޅުވި އެވެ. އެ ހާދިސާއާ ގުޅުންހުރި އެއްވެސް މައުލޫމާތެއް އެނގޭ ނަމަ، ފުލުހުންނާ އެކަން ހިއްސާކޮށްދިނުމަށް ވެސް ސީޕީ އެދިވަޑައިގެންނެވި އެވެ.