އޭސީސީ އަދި އީސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ އަށް އައްޔަންކުރެވޭ އިސްލާހެއް

އޭސީސީ އަދި އީސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ އަށް އައްޔަންކުރެވޭ އިސްލާހެއް

އެންޓި ކޮރަޕްޝަން ކޮމިޝަނާއި، އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަގާމަށް ބޭފުޅުން އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބޭ ގޮތަށް ގާނޫނަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފި އެވެ.

މި ބަދަލުތައް ގެނައުމަށް ސަރުކާރުގެފަރާތުން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ފެލިދޫ ދާއިރާގެ މެމްބަރު އާދަމް ޒާހިރެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފެވެ.

އިލްކެޝަންސް ކޮމިޝަންގެ ގަވާއިދު މިހާރު އޮންނަގޮތުން އޭސީސީ އަދި އިލެކްޝަންސް ކޮމިޝަނަށްވެސް ރައީސާއި ނައިބު ރައީސް އައްޔަން ކުރަނީ އެ ކޮމިޝަނުގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. އަދި އެ މަގާމުގައި ތިއްބަވާ ބޭފުޅުން އިސްތިއުފާ ދޭ ނަމަ، އެކަން އަންގަން ވެސް ޖެހެނީ ކޮމިޝަނަށެވެ. އަދި އެ ބޭފުޅުންގެ ދައުރު ހަމަވެއްޖެ ނަމަ އައު މެމްބަރަކު އައްޔަންކުރުމަށް ފަހު އަނެއްކާ ވެސް ވޯޓަކަށް ދާނީ އެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގައިވާގޮތުން ކޮމިޝަނުގެ ރައީސާއި ނައިބުރައީސް އައްޔަންކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި އެ މަގާމަށް ބޭފުޅަކު އައްޔަންކުރާނީ ވެސް އެ ކޮމިޝަނުގައި ތިއްބަވާ މެމްބަރުންގެ ތެރެއިން ކަމަށް ވެސް އިސްލާހުގައިވެ އެވެ.ރައީސާއި ނައިބު ރައީސް އައްޔަން ކުރެއްވުމަށް ނަންތައް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހަޅުއްވާ ނަން ދިރާސާކޮށް މަޖިލީހުން ފާސްކުރަންޖެހޭނެ ކަމަށްވެސް އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.

މީގެ އިތުރަށް އެ ދެ މަގާމަށް އައްޔަންކުރާ ބޭފުޅުން އިސްތިއުފާ ދޭން ބޭނުންވާ ނަމަ އެކަން އަންގާ ސިޓީ ހުށަހަޅަން ޖެހޭނީ ވެސް ރައީސުލްޖުމްހޫރިއްޔާ އަށް ކަމަށް ވެސް އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.