ނަސްރުގެ ދުވަހާ ގުޅިގެން އަންނަ ނޮވެމްބަރު 2 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފި އެވެ.
މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވާކަން ހާމަކޮށްފައިވަނީ ރައީސް އޮފީހުން ނެރުނު ދެންނެވުމުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެގޮތަށް ހަމަޖެއްސެވީ، ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ފާހަގަކުރާ ނަސްރުގެ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވުމުން، ބަންދުދުވަސްތަކަށް މެދު ކެނޑުމެއްނައިސް މުވައްޒަފުންނަށް ޗުއްތީ ލިބޭ ގޮތް ހަމަޖައްސައިދިނުމަށެވެ.
އެއާއެކު މި މަހުގެ 31 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު 3 އަކާ ހަމަޔަށް 4 ދުވަހުގެ ޗުއްޓީއެއް ލިބިގެންދާނެ އެވެ.