ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްވެރިކަން ތަރައްގީކުރުމަށް ސަރުކާރުން ފެށި މަސައްކަތްތަކުގެ ތެރެއިން، ށ. ފުނަދޫގައި ގާއިމްކުރި 30 ޓަނުގެ އައިސްޕްލާންޓް ރަސްމީކޮށް ހުޅުވައިފި އެވެ.
ފުނަދޫގައި އައިސް ޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން މިފްކޯއާ ހަވާލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
އައިސްޕްލާންޓް ހުޅުވީ ށ. އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ފުނަދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އާއި މިފްކޯގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
ފުނަދޫގައި ގާއިމްކޮށްފައިވާ އައިސްޕްލާންޓަކީ ދުވާލެއްގެ މައްޗަށް 30 ޓަނުގެ އައިސް އުފެއްދާ އަދި 50 ޓަނުގެ އައިސް ރައްކާކުރެވޭ އައިސް ޕްލާންޓެކެވެ. މަސްވެރިންނަށް އައިސް ހޯދުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސް ޕްލާންޓުތައް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތާއެކު މަސްވެރިން އައިސް ހޯދުމަށް ކުރާ ދަތުރުތައް މަދުކުރެވި ތެލަށް ކުރާ ހަރަދު ކުޑަކުރެވޭނެކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ.