ސިނގިރޭޓު ވަގަށް ނެގުން: އެމްޕީއެލްގެ 6 މުވައްޒަފަކު ސަސްޕެންޑުކޮށްފި

MPL HQ
MPL HQ

ސިނގިރޭޓު ވަގަށް ނެގުން: އެމްޕީއެލްގެ 6 މުވައްޒަފަކު ސަސްޕެންޑުކޮށްފި

SHARE

ވަގަށް އެތެރެކުރަނިކޮށް، ކަސްޓަމްސް އިން ހިފަހައްޓައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ހުޅުމާލޭ ބަނދަރުގައި ބަހައްޓާފައިހުރި ސިނގިރެޓްތައް ގެއްލުނު މައްސަލައިގައި އެމްޕީއެލްގެ 6 މުވައްޒަފަކު ސަސްޕެންޑުކޮށްފި އެވެ.

މި އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރޭ ކަސްޓަމްސް އިން ހިފަހައްޓައި އެމްޕީއެލްގެ ހުޅުމާލޭގެ ބަނދަރުގައި ހުރީ ބަހައްޓާފަ އެވެ. އެ ސިނގިރެޓު ވަގަށް ނަގާފައިވާކަން އެނގުނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ.

އެ މައްސަލާގެ ތަހުގީގު މިހާރުކުރިއަށްދާއިރު ފުލުހުން ވަނީ އެކަމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުވާ 4 މީހަކު ހައްޔަރުކޮށްފައިވާކަން ހާމަކޮށްފަ އެވެ. އެ ހަތަރު މީހުންނަކީ 2 ވިޔަފާރިވެރިންނާއި، ކަސްޓަމްސްގެ އިސް މުވައްޒަފަކާއި އިތުރު މީހެކެވެ.

މި މައްސަލައާ ގުޅިގެން އެމްޕީއެލް އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ކުންފުނިން ކުރަމުންދާ ތަހުގީގަށް ހޯދިފައިވާ މައުލޫމާތަށް ރިއާޔަތްކޮށް މިދިޔަ އާދީއްތަ ދުވަހު 5 މުވައްޒަފަކު ސަސްޕެންޑުކޮށްފައިވާ ކަމަށެވެ. އަދި މިއަދުވެސް އިތުރު މުވައްޒަފަކު ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.

"މިއީ ވަރަށް ސީރިއަސް މައްސަލައަކަށްވާތީ، މި ކުންފުނީގެ ތަހުގީގު ކުރިއަށް ގެންދަނީ ފުލުހުންގެ ތަހުގީގަށް ހުރަސްނޭޅޭ ގޮތަށް." އެމްޕީއެލް އިން ބުނެފައިވެ އެވެ،

އެމްޕީއެލް އިން އިތުރަށް ބުނެފައިވަނީ، އެ ކުންފުނީގެ ސެކިއުރިޓީ އާކިޓެކްޗާ ވަރުގަދަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި އެފަދަ ކަމެއް ތަކުރާރުވިޔަނުދިނުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތަކާ ގުޅިގެން މަޝްވަރާ ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.

އެމްޕީއެލް އިން ބުނީ ހިފަހައްޓާ މުދާ، ބަނދަރުގައި ބެހެއްޓުމުގައި މިހާރު އަމަލުކުރަމުންދާ އުސޫލުތަކާއި ފިޔަވަޅުތައް  ވެސް ވަރުގަދަ ކުރާނެ ކަމަށެވެ.