މާމިގިލީގައި އައިޔޫއެމް ކެމްޕަސް އަޅަން ހަވާލުކޮށްފި

large_thumb_1759786224169

މާމިގިލީގައި އައިޔޫއެމް ކެމްޕަސް އަޅަން ހަވާލުކޮށްފި

SHARE

އދ. މާމިގިލީގައި އިސްލާމީ ޔުނިވަސިޓީގެ ކެމްޕަހެއް ގާއިމުކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އާރްޑީސީއާ ހަވާލުކުރި މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އައިޔޫއެމްގެ ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރު ބިން ސައީދު ގާސިމް އާއި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމެވެ. މި ކެމްޕަސް ގާއިމުކުރުމަށް 22000 އަކަފޫޓުގެ ބިމެއް މާމިގިލީ ކައުންސިލުން ވަނީ އައިޔޫއެމްއަށް ދީފަ އެވެ.

މާމިގިލީގައި އިސްލާމީ ޔުނިވަސިޓީގެ ކެމްޕަހެއް ގާއިމުކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު ރައީސް ވަނީ ރަށްތަކުގައި ތިބެގެން ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ރައްޔިތުންނަށް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. މީގެއިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތަައް ގާއިމް ކުރައްވަންވެސް އެމަނިކުފާނު ވަނީ ނިންމަވާފަ އެވެ.

މި މަޝްރޫއުގެ އިތުރުން މާމިގިލީގައި ތަރައްގީކުރާ ހޮސްޕިޓަލުގެ މަސައްކަތާއި ފަޔާ ސްޓޭޝަން ވަނީ ހުޅުވާފަ އެވެެ. އެގޮތުން، މާމިގިލީ ހޮސްޕިޓަލުގެ ބިންގާ އަޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.

އާރްޑީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫއުގައި ތަރައްގީކުރަން ނިންމާފައި ވަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލް ގެ މަސަތްކަތް ނިމިގެންދާއިރު ޑައިލިސިސް ހިމެނޭހެން ގިނަ ހިދުމަތްތަކެއް ގާއިމްކުރަން ވަނީ ނިންމާފަ އެވެ. މިއީ ސަރުކާރުން 105 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ހިންގަން ނިންމާފައިވާ މަޝްރޫއުއެކެވެ. މި މަޝްރޫއު 540 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ކަނޑައަޅާފަ އެވެ.

ފަޔާ ސްޓޭޝަން ހުޅުވަދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާއާއި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމާއި އެމްއެންޑީއެފްގެ އިސްވެރިންނެވެ. އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި މި ފަޔާ ސްޓޭޝަން ހުޅުވުމާއެކުގައި ރާއްޖޭގައި ގާއިމުކުރެވިފައިވާ ފަޔާ ސްޓޭޝަންގެ އަދަދު 15 އަށް އިތުރުވެގެންދާނެއެވެ. އަދި މި ފަޔާ ސްޓޭޝަންގެ ސަބަބުން އަލިފާނުގެ ހިދުމަތަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

މާމިގިލީގައި ގާއިމުކުރި ފަޔާ ސްޓޭޝަން ހުޅުއްވައި ދެއްވުމަށް ފަހު، ރައީސް ވަނީ އެ ފަޔާ ސްޓޭޝަން ބައްލަވާލައްވައިފައެވެ. އަދި އެ ތަނުގައި އެމަނިކުފާނު ވަނީ ގަހެއް އިންދަވައިފައެވެ.