އަންނަ އަހަރުގެ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން، ރާއްޖޭގައި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި ހޮސްޕިޓަލުތަކާއި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި ވުޒާރާތަކާ، ސީދާ ގޮތުން މުއާމަލާތުކުރެވޭ އިންތިޒާމު ހަމަޖައްސާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މާމިގިއްޔަށް ވަޑައިގެން، އެމަނިކުފާނު ވަނީ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވާފަ އެވެ. މި އިންތިޒާމު ހަމަޖެހުމާއެކު މަސައްކަތުގެ މާހައުލުގެ ފަށަލަތަކެއް އުނިވެ، އުފެއްދުންތެރިކަން އިތުރުވެ އެތައް ގޮތަކުން ކުރިއެރުން ލިބޭނޭ ކަމަށް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ އެ އިންތިޒާމު ހަމަޖެހުމާއެކު، އަތޮޅު ނުވަތަ ރީޖަނަލް ހޮސްޕިޓަލުތައް މެދުވެރިކޮށް ބޭސް ހޯދަން ޖެހޭ ޖެހުން ނިމުމަކަށް ގެނެވޭނެ ކަމަށެވެ. އަދި ބޭސް ހޯދުމާއި، ވަޒީފާތައް އެޕްރޫވްކުރުމާއި، އިތުރު ހިދުމަތްތައް ފޯރުކޮށްދިނުމަށް ހޯދަންޖެހޭ ހުއްދަތައް ހޯދުމުގައިވެސް ލުއިފަސޭހަވެގެންދާނޭ ކަމަށް ވިދާޅުވި އެވެ.
މިކަމަށްޓަކައި ވާންޖެހޭ ތައްޔާރީތަކުގެ ތެރޭގައި، ފަންނީ ވަސީލަތްތައް ހޯދުމާއި، އިންސާނީ ވަސީލަތް ތަމްރީނުކުރުން ހިމެނޭކަން ފާހަގަކުރައްވައި، މި އަހަރުގެ ނިޔަލަށް މި ކަންކަން ހަމަޖެހޭނެ ކަމަށެވެ.
މީގެއިތުރުން ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ވެސް ދަތުރު ދިއުމަށް ހާއްސަ ރަށެއް ކަނޑައަޅާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެ ރަށް ވެގެން ދާނީ ހަމަޖެހޭ ވަކި އުސޫލެއްގެ މަތިން، ފަތުރުވެރިކަމުގެ ބޭނުމަށާއި، އާންމު ރައްޔިތުންގެ ބޭނުންތަކަށްވެސް ގޮސް އުޅެވޭނޭ ރަށަކަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.