ވަކިވަކި ފުލުހުންނާއި އާއިލާތަކަށް ބިރު ދައްކާ އެ އޮފިސަރުންނާ މެދު ނަފްރަތު އުފެދޭ ގޮތަށް އަމަލުކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިހެން ބުނީ އޮކްޓޯބަރ 03 ވަނަ ދުވަހުގެ ރޭ މާލޭގައި، އެމްޑީޕީގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވި އެއްވުން ރޫޅާލުމުގައި ހަރަކާތްތެރިވި ބައެއް ފުލުހުންނާއި އެފުލުހުންގެ އާއިލާ މެންބަރުންގެ މައުލޫމާތު ސޯޝަލް މީޑިއާގައި އާއްމުކުރަމުން ގެންދާތީ ރޭ ނެރުނު ބަޔާނެއްގައެވެ.
ވަކިވަކި ފުލުހުންގެ ފޮޓޯ ހިއްސާކޮށް، ވެރިކަން ބަދަލުވުމާއެކު އެ ފުލުހެއްގެ ވަޒީފާ ގެއްލޭނެކަމަށާއި އަދި އެ ނޫން ވެސް ބިރުވެރި ހާލަތްތައް މެދުވެރިވެދާނެކަމަށް ބުނެ ކާކުކަން ނޭނގޭ ގޮތަށް ހިންގާ އެކައުންޓުތަކުންނާއި އާންމު ބައެއް އެކައުންޓުތަކުން ވެސް ދަނީ ޕޯސްޓުތައް ކުރަމުންނެވެ.
ފުލުހުން ނެރުނު ބަޔާނުގައި ބުނީ ގާނޫނު ތަންފީޒުކުރާ އިދާރާގެ މުވައްޒަފެއް، އޭނާގެ ރަސްމީ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުގެ ގޮތުން ކުރާ ކޮންމެ އަމަލަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ. އެގޮތުން އެމީހަކާއި އާއިލާ އަށް ބިރު ދެއްކުމާއި، ނަފްރަތު އުފެދޭ ގޮތަށް ސޯޝަލް މީޑިއާގައި އަމަލުކުރާ ނަމަ އެކަންކަން ބަލާ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވެ އެވެ.
ގާނޫނު ހިންގުމަށް ހުރަސް އެޅުމަށް ކުރާ އަމަލަކީ, މާއްދީގޮތުން ހުއްޓުވައިގެން އަދި އެނޫން ގޮތަކުން ހުރަސްތަކެއް ކުރިމަތިކުރުވައިގެން ކުރާ އަމަލަކުން ހުއްޓުވަން މަސައްކަތްކުރިނަމަވެސް، ގާނޫނީގޮތުން ފިޔަވަޅު އެޅޭނެކަމަށް ވެސް ފުލުހުން ބުންޏެވެ.