ތަންފީޒީ އިދާރާތަކުގައި އަންހެނުން އިތުރުވުމުން މައްސަލަ ހުށަހެޅުން އިތުރުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓު ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، މޯލްޑިވްސް ވިމެން އިން ޕޮލިސިން ސަމިޓު ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
އެކަމަނާ ވިދާޅުވީ ޤާނޫނު ތަންފީޛުކުރުމުގައި އަޅާލުމާއި އޯގާތެރިކަމާއި، ވާހަކަ ދެއްކުމާއި، ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުކުރިއަށްގެންދަވަމުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ކުށުގެވެށިން އަނިޔާލިބެމުންދާ މީހުން، އަދި ވަކިން ޚާއްޞަކޮށް އެފަދަ އަންހެނުންނާއި ކުޑަކުދިންނަށް، އިތުބާރުކުރެވޭ މަންދޫބަކު ފެނުމުން، މުޢާމަލާތްކުމުގެ ފުރުޞަތު އިތުރުވެގެންދާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ޤާނޫނު ތަންފީޛުކުރާ އިދާރާތަކާއި، ސިފައިންނާއި ކަސްޓަމްސްއާއި، އިމިގްރޭޝަނާއި އަދި މިނޫންވެސް، ޔުނިފޯމުއަޅައިގެން ޚިދުމަތްކުރާ ދާއިރާތަކުގައި އަންހެނުންގެ ދައުރު ވަރަށް ތަފާތުކަން ފާހަގަކުރައްވައި، އަންހެނުންނަކީ ޤާނޫނު ނެގެހެއްޓުމުގެ އިތުރުން، އަންނަން އޮތް ޖީލުތަކަށް ހިތްވަރުދޭ ބައެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.
މީގެއިތުރުން، ސައިބަރ ކްރައިމްއާއި، އިންސާނީ ވަގުފާރިއާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ކާރިޘާތަކާއި، ހައްދުފަހަނައަޅައި ދިއުމުގެ މައްސަލަތައް ފަދަ ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ސަލާމަތާ ގުޅުންހުރި މައްސަލަތައް އިތުރުވަމުންދާކަން އެކަމަނާ ފާހަގަކުރެއްވި އެވެ. މި ގޮންޖެހުންތަކުން އަރައިގަތުމުގައި އަންހެނުންގެ ދައުރު ވަރަށް މުހިންމުކަން ފާހަގަކުރައްވައި، ސަލާމަތާއި ހިމާޔަތްދިނުމުގެ ދާއިރާގައި އަންހެނުންނާއި އަންހެން ކުދިން، މަސައްކަތްކުރުމަކީ، އެކަނބަލުންގެ ހުނަރުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނެ ފުރުޞަތުތަކެއްގެ ގޮތުގައި ދެކިވަޑައިގަތުމަށް އެކަމަނާ އެދިވަޑައިގެންނެވި އެވެ.
މީގެ އިތުރުން، ހަމަހަމަކަމާއެކު އަންހެނުން ބަލައިގަންނަ މާހައުލެއް ގާއިމް ކުރުމަށް މަސައްކަތްކުރެއްވުމަށް އެކަމަނާ ވަނީ، ސަމިޓުގެ ބައިވެރިންނަށް ހިތްވަރު ދެއްވާފަ އެވެ. އަދި އަންހެނަކު، އޭނާގެ މުޖުތަމަޢު ދިފާޢު ކުރުމަށް ފިޔަވަޅު އަޅާއިރު، އިންސާފުގެ އަސްލަކީ އެ އަންހެން މީހާކަންވެސް އެކަމަނާ ހަނދާންކޮށްދެއްވިއެވެ.
މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ "މޯލްޑިވްސް ވިމެން އިން ޕޮލިސް ޗެލެންޖް" ގެ ރަމްޒީ "ފައިސާ" ފޮއްޗެއް ތަޢާރަފްކޮށްދެއްވާފައެވެ.