މީޑިއާ ރެގިއުލޭޓްކުރުމުގެ ގާނޫނާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީގައި މިދިޔަ އަންގާރަ ދުވަހު ކުރި މުޒާހަރާގައި، މުޒަހަރާގެ ބައިވެރިންނާ ދެކޮޅަށް ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރި ކަމަށް ކުރާ ތުހުމަތުތައް ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބަލަން ފަށައިފި އެވެ.
އެންއައިސީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މި މަހުގެ 16 ވަނަ ދުވަހު މީޑިއާ ރެގިއުލޭޓް ކުރުމަށް ހުށަހެޅުނު ބިލާ ދެކޮޅަށް ކުރެވުނު އިހުތިޖާޖު ރޫޅާލުމުގައި ފުލުހުންގެ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމަށާއި ގާނޫނާ ގަވާއިދާ ހިިލާފަށް ފުލުހުން އަމަލުކޮށްފައިވާ ކަމަށް ބުނެ ކުރެވެމުންދާ ތުހުމަތުތައް އެ ކޮމިޝަނުން ބަލާނެ ކަމަށެވެ.
މި ތުހުމަތުތައް ފުލުހުން ވަނީ ދޮގުކޮށްފަ އެވެ. އެ ޚިދުމަތުން މީގެކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުޒާހަރާ ކޮންޓްރޯލްކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ ރިވިއުއެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ވެސް މި މައްސަލަ ބަލަމުންދާ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވަނީ، ގާނޫނާ ހިލާފު އެއްވުމެއް ހުއްޓުވުމަށާއި އާންމު ރައްޔިތުންނާއި މަޖިލިސް މެންބަރުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގާނޫނީ ވާޖިބު އަދާކުރުމަށް ކަމަށެވެ. މި މުޒާހަރާއާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނަށް، އެއްވުމުގެ ބައެއް ބައިވެރިން ހުރަސް އަޅައި ސަލާމަތީގޮތުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަތް ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަދި މުޒާހަރަާ ރޫޅާލުމަށް މަސައްކަތްކޮށްފައިވަނީ ކަނޑައަޅާފައިވާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތަށް ކަމަށް ބުނެފައިވެ އެވެ.
އޮޕަރޭޝަންގެ ހުރިހާ މަރުހަލާއެއްގައި ވެސް، ފުލުހުން އަމަލުކޮށްފައިވަނީ އެ ބަޔާނުގައި ބުނެފައިވާގޮތުން " އޮޕަރޭޝަނަލް އުސޫލުތަކާ އެއްގޮތަށް، އަމަން އަމާންކަން ދެމެހެއްޓުމަށާއި މުޒާހަރާކުރާ ފަރާތްތަކާއި އޮފިސަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކޮންމެހެން ބޭނުންވާ އެންމެ ކުޑަ މިންވަރުގެ ބާރު ބޭނުންކޮށްގެން" ނެވެ.
"ކަމުގެ ހަގީގަތް އޮޅޭގޮތަށް މީޑިއާގައި ދައުރުވަމުންދާ ބައެއް ފޮޓޯއާ ގުޅޭގޮތުން" އެ ބަޔާނުގައި ބުނެފައިވަނީ، އެ ފޮޓޯތަކަކީ، "ގާނޫނާ ހިލާފު އެއްވުމެއްގައި ބައިވެރިވި މީހެއް ފުލުހުންގެ ސަފު ތެރެއަށް ވަދެގަނެ، ވަކި އެންގަލްއަކުން ފޮޓޯ ނެގިފައިވުމުގެ ސަބަބުން ހަގީގަތް އޮޅޭގޮތަށް ދައުރުވަމުންދާ" ފޮޓޯތަކެއް ކަމަށެވެ.