މުޅި ރާއްޖެ ހިމެނޭހެން 8،000 އަށް ވުރެ ގިނަ ދަރިވަރުންނާއެކު މިއަހަރުގެ ކޭމްބްރިޖް އައިޖީސީއެސްއީ (އޯލެވެލް) އަދި އެސްއެސްސީ އިމްތިހާނު ފަށައިފިއެވެ.
މިއަދު ހެނދުނު 9:30 ގައި އިމްތިހާނު ފަށާފައިވަނީ އެސްއެސްސީ އިމްތިހާނުގެ ދިވެހި މާއްދާގެ ޕޭޕަރު އެކަކުންނެވެ. މި އިމްތިހާނުތައް މިއަދުން ފެށިގެން އަންނަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް ތައުލީމީ ވުޒާރާއިން މައުލޫމާތު ދެއްވައެވެ. އެ ވުޒާރާއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ އައިޖީސީއެސްއީ އިމްތިހާނުގައި 8،111 ދަރިވަރުން ބައިވެރިވާއިރު، އެސްއެސްސީ އިމްތިހާނުގައި 7،776 ދަރިވަރުން ބައިވެރިވެއެވެ.
މިއަހަރުގެ އިމްތިހާން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލޭގެ 25 ސެންޓަރަކާއި އަތޮޅުތެރޭގެ 246 ސެންޓަރު ހިމެނޭހެން ޖުމްލަ 271 ސެންޓަރެއްގައެވެ.
ކޮވިޑް-19 އާ ގުޅިގެން ގެނައި ބަދަލުތަކާއެކު މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާން ބާއްވާފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. ނަމަވެސް، ދިރާސީ ކަލަންޑަރަށް ގެނައި އިސްލާހުތަކާއެކު، މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުތައް ކުރިއަށްދާނީ ކުރިންވެސް އޮންނަ އުސޫލުން އޮކްޓޫބަރު އަދި ނޮވެމްބަރު މަހުގެ ތެރޭގައެވެ.
މި އިމްތިހާނާ ގުޅިގެން ދައުލަތުގެ މީޑިއާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ތައުލީމާއި މަތީ ތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއު ވަނީ އިމްތިހާނު ހަދާ ހުރިހާ ދަރިވަރުންނަށް ހިތްވަރު ދެއްވާފައެވެ. އަދި ހުރިހާ ކުދިންވެސް ނަމާދުން ހިތްވަރު ލިބިގަނެ، ރަނގަޅު ނަތީޖާއެއް ދެއްވުން އެދި ގިނަގިނައިން ދުއާކުރުމަށް ވަޒީރު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.