ޤައުމީ އިންޖިނިއަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ބައިވެރިވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީ.އައި.އޭ) ހިންގުމުގައި ހިމެނޭ މުހިންމު އިންޖިނިއަރިންގ އަދި ފަންނީ މަސައްކަތްތައް އާންމުންނަށާއި ކުޑަކުދިންނަށް ދައްކާލައިފިއެވެ.
މި ހަރަކާތް ކުރިއަށްގެންގޮސްފައިވަނީ އިއްޔެ ހަވީރު 4:00 އިން 6:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މި ހަވީރުގެ މައިގަނޑު މަޤްސަދަކީ ޤައުމުގެ ތަރައްޤީއާއި ކުރިއެރުމުގައި އިންޖިނިއަރިންގ ދާއިރާ އަދާކުރާ މުހިންމު ދައުރު ކުޑަކުދިންނަށް އޮޅުންފިލުވައިދީ، ފަންނީ އެކި ދާއިރާތަކަށް އެކުދިންގެ ޝައުޤުވެރިކަން އިތުރުކުރުމެވެ.

މި ހަރަކާތުގައި އެމްއޭސީއެލްގެ ފަރާތުން ވަނީ އެއާޕޯޓް ހިންގުމާ ގުޅުންހުރި މައިގަނޑު ހަތް ދާއިރާއެއްގެ ޓެކްނިކަލް މަސައްކަތްތައް ދައްކާލައި، އެ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ހިއްސާކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ވޯޓަރ އެންޑް ސެވެރޭޖް ސަރވިސަސް (ޑަބްލިއު.އެސް.އެސް)
- މެކޭނިކަލް ސަރވިސަސް (އެމް.އެސް.ޔޫ)
- ހީޓް ވެންޓިލޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ (އެޗް.ވީ.އޭ.ސީ)
- ފިއުލް ސަރވިސަސް
- އިންފޮމޭޝަން ޓެކްނޮލޮޖީ (އައި.ޓީ)
- އޭރޯޑްރޯމް ގްރައުންޑް އެއިޑްސް (އޭ.ޖީ.އޭ)
- ޕަވަރ ޖެނެރޭޝަން އެންޑް ޑިސްޓްރިބިއުޝަން (ޕީ.ޖީ.ޑީ.ޑީ)

މި އިވެންޓުގެ ތެރެއިން އެމްއޭސީއެލް ގެ ތަޖުރިބާކާރު އިންޖިނިއަރުން ވަނީ އެބޭފުޅުންގެ ޢަމަލީ ތަޖުރިބާތައް ޒިޔާރަތްކުރި ކުދިންނާ ހިއްސާކޮށް، ރާއްޖޭގެ މައި ވައިގެ ބަނދަރު ހުއްޓުމެއްނެތި، އޮމާންކަމާއެކު ހިންގުމަށްޓަކައި ކުރެވޭ އިންޖިނިއަރިންގ މަސައްކަތްތައް ތަޖުރިބާކޮށްލުމުގެ އަގުހުރި ފުރުޞަތެއް ފަހިކޮށްދީފައެވެ. މީގެއިތުރުން، އެއާޕޯޓް ހިންގުމުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ހުރި އިންޖިނިއަރިންގ ފުރުސަތުތަކާ ބެހޭ މައުލޫމާތުވެސް ވަނީ ފޯރުކޮށްދީފައެވެ.
އެމްއޭސީއެލް އިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މިފަދަ ހަރަކާތްތަކުގެ ޒަރިއްޔާއިން، ރާއްޖޭގެ އޭވިއޭޝަން އަދި އިންޖިނިއަރިންގ ދާއިރާއަށް ޝައުޤުވެރިވާ، ޤާބިލު އަދި ހުނަރުވެރި ޒުވާން ޖީލެއް ބިނާކުރުމަށް މަގުފަހިކޮށްދިނުމަށެވެ.