MTCC

ގަތަރުގެ އަމީރު، ރައީސް މުއިއްޒުއާ ބައްދަލުކުރައްވައިފި

465402_e7daf6e4-0_

ގަތަރުގެ އަމީރު، ރައީސް މުއިއްޒުއާ ބައްދަލުކުރައްވައިފި

SHARE

ގަތަރުގެ މިހާރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އާލް ސާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވައިފިއެވެ.

ގަތަރުގެ ކުރީގެ އަމީރު، ހިޒް ހައިނަސް ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާ ގުޅިގެން، އެ ގައުމުގެ އަމީރު ތަމީމް ބިން ޙަމަދު އާލް ސާނީއާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފައެވެ.

މިދިޔަ އާދީއްތަ ދުވަހު އަވަހާރަވި ގަތަރުގެ ކުރީގެ އަމީރުގެ އާއިލާއަށް ތައުޒިޔާ ދެންނެވުމަށް ރައީސް މުއިއްޒު ކުރެއްވި މި ދަތުރުފުޅުގައި، ގަތަރުގެ މިހާރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އާލް ސާނީ ވަނީ ދޯހާގެ ލުސައިލް ގަޑުވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ، ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ފަރާތުން އަމީރު ތަމީމަށާއި ގަތަރުގެ ޝާހީ އާއިލާއަށް ނުހަނު އިޚްލާސްތެރިކަމާއެކު ތައުޒިޔާ ރައްދުކޮށްދެއްވާފައެވެ.

މި ބައްދަލުވުމުގައި ދެ ގައުމުގެ ލީޑަރުން ވަނީ ރާއްޖެއާއި ގަތަރާ ދެމެދު އޮތް ޒަމާންވީ އުހުއްވަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، ދެ ގައުމުގެ މަސްލަހަތު ހިމެނޭ އެކި ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ކުރިމަގުގައި އިތުރަށް ހަރުދަނާކުރުމުގެ އަޒުމު ދެ ބޭފުޅުންވެސް ވަނީ އައުކުރައްވާފައެވެ.

ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ އަވަހާރަވި ކުރީގެ އަމީރު ޝައިޚް ހަމަދު ބިން ޚަލީފާ އާލް ސާނީ ރާއްޖެއަށް ވެދެއްވާފައިވާ އަގުހުރި އެހީތެރިކަމާއި، ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ކުރެއްވި މަސައްކަތްޕުޅުތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކުރެއްވި ދަތުރުފުޅެކެވެ. ކުރީގެ އަމީރުގެ ޒައާމަތުގައި ރާއްޖެއަށް ލިބިފައިވާ މުހިންމު ބައެއް އެހީތަކުގެ ތެރޭގައި:

  • ގަތަރު އެއަވޭޒްގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް މަގުފަހިކޮށްދެއްވުން.
  • ލ. ގަމުގައި ހަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް ބިނާކޮށްދެއްވުން.
  • ހުޅުމާލޭގައި މަސްޖިދުއްޝައިޚް ގާސިމް ބިން އާލް ޘާނީ މިސްކިތް ބިނާކޮށްދެއްވުން ހިމެނެއެވެ.

މީގެ އިތުރުން، ޝައިޚް ޙަމަދު ވަނީ 2005 ވަނަ އަހަރު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްވެސް ކުރައްވާފައެވެ.

ދިވެހިރާއްޖެއާއި ގަތަރާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 26 މެއި 1984 ގައެވެ. އޭގެ ފަހުން، ގަތަރަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ދެމިއޮތް، ދިވެހި ރައްޔިތުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންދާ ގައުމެކެވެ.