MTCC

ހިސާބު އިލްމު ކުރިއެރުވުމަކީ ގައުމުގެ މުސްތަގުބަލަށް ކުރެވޭ އިންވެސްޓްމަންޓެއް: މެޑަމް ސާޖިދާ

HMxNsoDaAAAjJ4w

ހިސާބު އިލްމު ކުރިއެރުވުމަކީ ގައުމުގެ މުސްތަގުބަލަށް ކުރެވޭ އިންވެސްޓްމަންޓެއް: މެޑަމް ސާޖިދާ

SHARE

ހިސާބު އިލްމު އުނގަންނައިދިނުން ހަރުދަނާކުރުމަކީ ހަމައެކަނި ތައުލީމީ އަމާޒެއް ނޫން ކަމަށާއި، އެއީ ރާއްޖޭގެ މުސްތަގުބަލުގެ ތަނަވަސްކަމާއި ކުރިއެރުމަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގައި މިއަދު ހެނދުނު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތަކީ ދިވެހި ސަގާފީ ތަރިކަ ހިސާބު އިލްމުގެ ތެރެއަށް ލާމެހިފައިވާ މިންވަރު ދިރާސާކޮށް ތައްޔާރުކޮށްފައިވާ "މެތަމެޓިކަލް ތިންކިންގ އިން ދަ މޯލްޑިވްސް: އެތްނޯމެތަމެޓިކްސް، ކަލްޗަރަލް ހެރިޓޭޖް، އެންޑް ކަރިކިއުލަމް އިންޓަގްރޭޝަން" ފޮތް ނެރުމަށް ބޭއްވި ރަސްމިއްޔާތެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވީ، ހިސާބަކީ ހަމައެކަނި ކްލާސްރޫމްތަކާއި ފޮތްތަކަށް އެކަނި ހަނިވެފައިވާ އެއްޗެއް ނޫންކަން މި ފޮތުން ހާމަވާ ކަމަށެވެ. އަދި ދިވެހިންގެ ކާބަފައިންގެ ދިރިއުޅުމުގެ އާދަކާދަތަކާއި، މަސްވެރިކަމާއި، އޮޑިދޯނިފަހަރު ބަނުމާއި، ނެވިކަމާއި، ފޭރާންކުރުމާއި، ދަނޑުވެރިކަމުގެ އިތުރުން ބިނާކުރުންތެރިކަމުގައި ވެސް ހިސާބުގެ އިލްމާއި އުކުޅުތައް ވަރަށް ބޮޑަށް ބޭނުންކޮށްފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

"ހިސާބު އިލްމު ސަގާފަތާއި އާންމު ދިރިއުޅުމުގެ ތަޖުރިބާތަކާ ގުޅުވައިލުމުން، ދަރިވަރުންނަށް އެ މާއްދާ އުނގެނުމަށް އިތުރު ޝައުގުވެރިކަމެއް އުފެދި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެގެންދާނެ،" ފަސްޓް ލޭޑީ ވިދާޅުވިއެވެ.

މީގެ އިތުރުން، މި ފޮތަކީ ޖީލުތަކުން ފެށިގެން އައިސްފައިވާ ދިވެހިންގެ ސަގާފީ އާދަކާދަތަކާއި މުއްސަނދި އުކުޅުތައް ރައްކާތެރިކުރުމަށް ލިބުނު ބޮޑު ބާރެއް ކަމަށާއި، މިފަދަ މަސައްކަތްތަކުގެ ސަބަބުން ގައުމީ ވަހުދަތު ވަރުގަދަވެ، ތައުލީމީ ދާއިރާއާއި ގައުމީ ތަރައްގީއަށް މަގުފަހިވާނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ޒުވާނުންގެ މެދުގައި ހިސާބު އިލްމަށް އޮންނަ ޝައުގުވެރިކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، އައު އީޖާދުތަކާއި ޓެކްނޮލޮޖީގެ ކުރިއެރުމަށް ހިސާބުގެ ހުނަރުތަކަކީ ކޮންމެހެން ބޭނުންތެރި އެއްޗެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ފޮތަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑޮކްޓަރ އާއިޝަތު ޝެހެނާޒް އާދަމް ލިޔުއްވާފައިވާ ފޮތެކެވެ. މި ފޮތަކީ "އެތްނޯމެތަމެޓިކްސް" ނުވަތަ ސަގާފީ ހިސާބު އިލްމުގެ ދާއިރާއިން ކުރެވުނު މުހިންމު ދިރާސާއެކެވެ.