މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، "މާލޭ ޓެކްސީ ލައިން" ގެ ޚިދުމަތް ވިލިމާލޭގައި ފަށައިފިއެވެ.
ވިލިމާލޭ ފެރީ ޓާމިނަލް ސަރަހައްދުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވީ އިޤްތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސައުދީ އާއި، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާޢީލްގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
"މާލޭ ޓެކްސީ ލައިން" އަކީ މާލެ ސަރަހައްދަށް ދިމާވެފައިވާ ޓެކްސީ ލިބުމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ދަށުން ފެށިގެންދިޔަ މުހިންމު މަޝްރޫޢެކެވެ. ވިލިމާލޭގެ ތިމާވެއްޓާ ރައްޓެހި މާހައުލާ ގުޅޭގޮތަށް، މި ޚިދުމަތުގައި ބޭނުންކުރަނީ ތިމާވެއްޓާ ރައްޓެހި، އެކަމަށް ޚާއްސަކޮށްގެން ރާއްޖެ ގެނެސްފައިވާ އުޅަނދުތަކެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ އެމްޑީ އަޙުމަދު ސައުދީ ވިދާޅުވީ، މި ޚިދުމަތުގެ ސަބަބުން ވިލިމާލޭގެ ރައްޔިތުންނަށް އެއް ތަނުން އަނެއް ތަނަށް ދަތުރުކުރުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ޚާއްސަ އެޕްލިކޭޝަންގެ އިތުރުން، ޓެކްސީ ހޮޓްލައިން '1655′ އަށް ގުޅައިގެންވެސް ފަސޭހަކަމާއެކު ޓެކްސީ ބުކް ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ވިލިމާލޭގެ ހަނި ގޯޅިތަކަށް އުޅަނދުތަކަށް ނުވަދެވޭ މައްސަލައަށް އަލިއަޅުއްވާލައްވަމުން ސައުދީ ވިދާޅުވީ، އަލަށް ފެށި މި ޚިދުމަތް ފަރުމާކޮށްފައިވަނީ އެފަދަ ގޯޅިތަކަށްވެސް ފަސޭހައިން ވަދެވޭނެ ފަދަ އިންތިޒާމުތަކަކާއެކު ކަމަށެވެ. މިއީ ވިލިމާލޭ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއަކަށް ލިބުނު ހައްލެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިދިޔަ އޭޕްރިލް މަހުގެ 2 ވަނަ ދުވަހު މާލެއާއި ހުޅުމާލޭގައި ފެށި މި ޚިދުމަތަކީ 24 ގަޑިއިރު މެދުނުކެނޑި ރައްޔިތުންނަށް ލިބޭނެ ޚިދުމަތެކެވެ. ވިލިމާލެއަށް މި ޚިދުމަތް ފުޅާވެގެން ދިއުމަކީ މުޅި މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު އެއް ވިއުގައަކުން ގުޅާލުމަށް ކުރެވޭ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.