ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ "ބީއެމްއެލް ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026″ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އިއްޔެ ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.
މާލޭ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި އިއްޔެ ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މި މުބާރާތް ފައްޓަވައިދެއްވުމުގެ ގޮތުން މެޑަމް ސާޖިދާ ވަނީ މުބާރާތުގެ އޮފިޝަލް ބޯޅައިގައި ސޮއިކުރައްވާފައެވެ. މީގެ އިތުރުން، އެކަމަނާ ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރި ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންނާ ބައްދަލުކުރައްވައި ހިތްވަރު ދެއްވާފައެވެ.
މުބާރާތް ހުޅުވުމުގެ ގޮތުން ކުޅުނު ފޯރިގަދަ މެޗުގައި ބައްދަލުކުރީ ހުރަވީ ސްކޫލާއި ޖަމާލުއްދީން ސްކޫލެވެ. 7 މިނެޓުގެ 4 ކުއާޓަރަށް ބަހާލައިގެން ކުޅުނު މި މެޗު 23-3 ގެ ބޮޑު ތަފާތަކުން ކާމިޔާބުކުރީ ހުރަވީ ސްކޫލެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ "ކުއީން އޮފް ދަ މެޗް" އަކަށް ހޮވުނީ ހުރަވީ ސްކޫލުގެ އާމިނަތު ތުގާއެވެ. އޭނާއަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ.

ދިވެހިރާއްޖޭގައި ނެޓްބޯޅަ ކުރިއަރުވައި ޒުވާން ހުނަރުވެރިން އުފެއްދުމުގެ މަގުސަދުގައި ބާއްވާ މި މުބާރާތަކީ މީގެ ކުރިން "އިންޓަރ ސްކޫލް ނެޓްބޯލް ޓޯނަމަންޓް" ގެ ނަމުގައި ބާއްވަމުން އައި މުބާރާތެކެވެ. މި އަހަރުގެ މުބާރާތް ކުރިއަށްދަނީ ދެ އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 15 އަހަރުން ދަށުގެ އުމުރުފުރާގެ 14 ޓީމާއި، 17 އަހަރުން ދަށުގެ އުމުރުފުރާގެ 11 ޓީމެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް ޢަބްދުﷲ ރާފިޢު އާއި، ބޭންކް އޮފް މޯލްޑިވްސްގެ ސީ.އީ.އޯ މުޙައްމަދު ޝަރީފްގެ އިތުރުން ނެޓްބޯލް އެސޯސިއޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. މި މުބާރާތަކީ ރާއްޖޭގެ ސްކޫލް ދަރިވަރުންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާކޮށް، ގައުމީ ފެންވަރުގެ ކުޅުންތެރިން ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.