ވޭތުވެދިޔަ ހަފުތާގެ ތެރޭގައި އެމްއެންޑީއެފް ކޯސްޓްގާޑުން އިސްނަގައިގެން، ރާއްޖޭގެ އެކި ސަރަހައްދުތަކުން ޞިއްޙީ އަވަސް ފަރުވާ ބޭނުންވި 84 ބަލިމީހަކު އުފުލައިދީފިއެވެ.
އެމްއެންޑީއެފުން މީސްމީޑިއާގައި ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފުތާގައި އެންމެ ގިނަ މެޑިކަލް އިވެކުއޭޝަން ދަތުރުތައް ކޮށްފައިވަނީ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިންނެވެ. އެ ސްކޮޑްރަންއިން 48 ދަތުރު ކޮށްފައިވާއިރު، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން 8 ދަތުރު، ތާޑް ސްކޮޑްރަންއިން 13 ދަތުރު އަދި ފޯތު ސްކޮޑްރަންއިން 6 ދަތުރު ވަނީ ކޮށްދީފައެވެ. ނަމަވެސް މި ދަތުރުތަކާ ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން އެއާ އެމްބިއުލާންސްގެ ޚިދުމަތް ވަނީ އަލަށް ތައާރަފުކުރައްވާފައެވެ. މީގެ ކުރިން ކުއްލި ހާލަތްތަކުގައި ބަލިމީހުން އުފުލުމަށް ގިނައިން ބޭނުންކުރި ޑޯނިއާ ބޯޓާއި ހެލިކަޕްޓަރުގެ ބަދަލުގައި، މިހާރު ގިނަ އިވެކުއޭޝަންތައް ކުރިއަށްގެންދަނީ އެއާ އެމްބިއުލާންސް މެދުވެރިކޮށެވެ.
އެއާ އެމްބިއުލާންސްގެ ޚިދުމަތަކީ ސިއްހީ ވުޒާރާއާއި، އާސަންދަ، އެންސްޕާ އަދި ޓްރާންސްޕޯޓް މިނިސްޓްރީ ގުޅިގެން ފޯރުކޮށްދޭ ޚިދުމަތެކެވެ. މި ޚިދުމަތަށް ބޭނުންކުރާ ޑޭޝް-8 މަރުކާގެ ބޯޓުގައި އެއްފަހަރާ ދެ ބަލިމީހުން އުފުލުމުގެ ގާބިލުކަން ހުރިއިރު، މި މަސައްކަތަށް ޚާއްޞަކޮށް ޑޮކްޓަރުންނާއި ނަރުހުން ހިމެނޭހެން 15 މުވައްޒަފުން ވަނީ ތަމްރީނުކޮށްފައެވެ.
ސަރުކާރުގެ މި ނިންމުމާއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުން މާލެއަށް ބަލިމީހުން އުފުލުމުގެ ކަންކަން ކުރިއަށްވުރެ ހަރުދަނާވެ، އަވަސްވެފައިވާކަން ފާހަގަކުރެވެއެވެ