MTCC

އިންޝުއަރެންސް ނެތި ދުއްވުން މަނާކުރާގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު ތަސްދީޤުކުރައްވައިފި

471299_8aa8735d-d_

އިންޝުއަރެންސް ނެތި ދުއްވުން މަނާކުރާގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު ތަސްދީޤުކުރައްވައިފި

SHARE

ރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެކުލަވައިލި "އެއްގަމު ދަތުރުފަތުރުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވާފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ޙަބީބް ހުށަހެޅުއްވި މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 2026 އޮގަސްޓު 26 ވީ ބުދަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. މި ބިލު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.

މި ބިލުގެ މައިގަނޑު މަޤްޞަދަކީ އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކާއި، ދަތުރުކުރާ މީހުން އަދި މަގުމަތީގެ ނިޒާމު ބޭނުންކުރާ އެންމެހައި ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކޮށް، ޒަމާނާ އެކަށޭނަ ޤާނޫނީ އޮނިގަނޑެއްގެ ދަށުން އެއްގަމު ދަތުރުފަތުރުގެ ކަންކަން ރާވައި، ހިންގައި ބެލެހެއްޓުމެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާތާ 30 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ. މިއާއެކު، ކުރިން ޢަމަލުކުރަމުން އައި އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި މަގުމަތީގައި ހިނގާއުޅުމުގެ ޤާނޫނު އުވިގެންދާނެއެވެ. ނަމަވެސް، މި ޤާނޫނު އަސްކަރީ އުޅަނދުފަހަރުގެ މައްޗަކަށް ނުހިނގާނެއެވެ.

ގްރޭޓާ މާލެ ސަރަހައްދަށް ޚާއްސަ ބަދަލުތަކެއް

މާލޭ ސަރަޙައްދުގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށްޓަކައި، ގްރޭޓާ މާލެ ސަރަޙައްދަކީ ރަޖިސްޓްރޭޝަން އެންޑް ޓްރެފިކް މެނޭޖްމަންޓް ކޮންޓްރޯލްޑް ޒޯނެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އަދި ދަތުރުފަތުރުގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި އިންތިޒާމުކުރުމަށް 3 އަހަރުގެ މުއްދަތަށް "ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ" ގެ ނަމުގައި ޚާއްޞަ އޮފީހަކާއި، ލަފާދޭ ބޯޑެއްގެ ގޮތުގައި "ނޭޝަނަލް ރޯޑް ސޭފްޓީ ކައުންސިލް" އެއް އުފެއްދުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، މުޅި ރާއްޖޭގައި އުޅަނދު ރަޖިސްޓްރީ ކުރެވޭނެ އެންމެ މަތީ އަދަދު ކަނޑައެޅުމުގެ ބާރު ކައުންސިލްތަކުން ނަގައި، މިނިސްޓްރީއަށް ވަނީ ދީފައެވެ. އަދި މާލޭ ސިޓީ ކައުންސިލަށް ކުރިން ލިބެމުންދިޔަ ވެހިކަލް ފީތަކާއި ޖޫރިމަނާ ފައިސާ، އަލަށް އުފައްދާ "ލޭންޑް ޓްރާންސްޕޯޓް މޮބިލިޓީ ފަންޑު" އަށް ޖަމާކުރުމަށްވެސް ވަނީ ނިންމާފައެވެ.

މަގުމަތީގެ ރައްކާތެރިކަމާއި ހަރުކަށި ފިޔަވަޅުތައް

އައު ޤާނޫނުގައި މަގުމަތީގެ ރައްކާތެރިކަމަށްޓަކައި ބޮޑެތި ޖޫރިމަނާތަކާއި ހަރުކަށި ފިޔަވަޅުތައް ވަނީ ހިމަނާފައެވެ. އެގޮތުން:

  • ނުރައްކާތެރިކޮށް ދުއްވުން: ފަރުވާކުޑަކޮށް ދުއްވައިފިނަމަ 25،000 އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. އަދި މީހަކަށް އަނިޔާއެއް ލިބިއްޖެނަމަ 100،000 އާއި 500،000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް ކުރުމާއެކު ޖިނާއީ ދަޢުވާ އުފުލޭނެއެވެ.
  • ކޮންޓްރޯލް ދިނުން: ކުޑަކުދިންނަށާއި ލައިސަންސް ނެތް މީހުންނަށް އުޅަނދު ދުއްވަން ދީފިނަމަ 25،000 އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. މީހަކު މަރުވެއްޖެ ހާލަތެއްގައި ޖިނާއީ ދަޢުވާކޮށް ލައިސަންސް ބާތިލުކުރެވޭނެއެވެ.
  • އިންޝުއަރެންސް ނެތި ދުއްވުން: އިންޝުއާނުކޮށް އުޅަނދު ދުއްވާ މީހާ 1،000 ރުފިޔާއިން އަދި އުޅަނދުގެ ވެރިފަރާތް 3،000 ރުފިޔާއިން ފެށިގެން ތަކުރާރުވާ ނިސްބަތުން ޖޫރިމަނާވާނެއެވެ.
  • ޕާކިންގ އަދި އުޅަނދު ނައްތާލުން: ޕާކިންގ ޖޫރިމަނާ 5،000 ރުފިޔާއަށް ވުރެ އިތުރުވާނަމަ އުޅަނދު ބޫޓުކުރެވޭނެއެވެ. އަދި 72 ގަޑިއިރު ތެރޭގައި ފައިސާ ނުދައްކައިފިނަމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ކަނޑައެޅިފައިވާ މުއްދަތުގައި ހަވާލުނުވެއްޖެނަމަ ނީލަން ކިޔުމުގެ ނުވަތަ ނައްތާލުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.
  • ހިނގާ މީހުންގެ އުސޫލު: ގަވާއިދާ ޚިލާފަށް މަގު ހުރަސްކުރާ ފަރާތްތައް 100 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.

މީގެއިތުރުން، ތާރީޚީ އުޅަނދުތައް ފިޔަވައި އެހެން އުޅަނދުތައް ބޭނުންކުރެވޭނީ އުފެއްދި ތާރީޚުން ފެށިގެން ގިނަވެގެން 20 އަހަރު ދުވަހަށެވެ. އަދި މިހާރު 18 އަހަރާއި 20 އަހަރާ ދެމެދުގެ އުޅަނދުތަކުގެ ރަޖިސްޓްރީ، ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި ބާތިލުކުރެވޭނެ ކަމަށްވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.