ރިސޯޓްތަކުން ލިބޭ އާމްދަނީގެ %40 މާރުކުރާ ގޮތަށް ޤާނޫނު ނަންބަރު 2024/32 (ބޭރު ފައިސާއާބެހޭ ޤާނޫނު) އަށް 1 ވަނަ އިސްލާޙު ގެނައުމުގެ ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވާފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި ބިލަކީ 2026 އޯގަސްޓް 26 ވީ ބުދަދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 28 ވަނަ ޖަލްސާއިން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 45 މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރެއްވި ބިލެކެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދެވެ.
މި އިސްލާޙުގެ ދަށުން ރާއްޖޭގައި ބޭރު ފައިސާ ގަނެވިއްކޭނީ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ކަނޑައަޅާ ރޭޓުތަކަށް ނުވަތަ ބޭންޑުތަކަށްވުރެ މަތިނުވާނޭހެން، އެ އޮތޯރިޓީން ދޫކުރާ ލައިސަންސެއް ހޯދައިގެންނެވެ. މީގެއިތުރުން ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ބޭންކުތަކަށް ފައިސާ މާރުކުރަންޖެހޭ މިންގަނޑުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.
އެ ގޮތުން ގެނެވުނު ބަދަލުތަކުގެ ތެރޭގައި:
- ޤާނޫނުގައި ކަނޑައަޅައިފައިވާ ކެޓެގަރީ 'އޭ' ގެ ޓޫރިޒަމް އެސްޓެބްލިޝްމަންޓްތަކުން މަހަކު ލިބޭ ގްރޮސް ސޭލްސްގެ 40 އިންސައްތަ މާރުކުރަންޖެހެއެވެ. މީގެ ކުރިން އޮތް ބޮލަކަށް 500 ޑޮލަރު މާރުކުރުމުގެ އޮޕްޝަން މިހާރު ވަނީ އުނިކޮށްފައެވެ.
- ކެޓެގަރީ 'ބީ' ގެ އެސްޓެބްލިޝްމަންޓްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ ގްރޮސް ސޭލްސްގެ 20 އިންސައްތަ މާރުކުރަންޖެހެއެވެ.
- ޓޫރިޒަމް ދާއިރާ ފިޔަވައި، ޑޮލަރުން އާމްދަނީ ލިބޭ އެހެން ވިޔަފާރިތަކުން ފައިސާ މާރުކުރަންޖެހޭ މިންގަނޑު 15 މިލިއަން ޑޮލަރުން 25 މިލިއަން ޑޮލަރަށް ވަނީ މަތިކޮށްފައެވެ. އަހަރަކު 25 މިލިއަން ޑޮލަރަށްވުރެ ގިނައިން އާމްދަނީ ލިބޭ މިފަދަ ވިޔަފާރިތަކުން ގްރޮސް ސޭލްސްގެ 40 އިންސައްތަ ބޭންކަކަށް މާރުކުރަންޖެހޭއިރު، އޭގެ ތެރެއިން ސައްތައިން ސައްތަ ދިވެހި ވިޔަފާރިތަކުން މާރުކުރަންޖެހޭނީ 7 އިންސައްތައެވެ.
މިގޮތަށް މާރުކުރަންޖެހޭ ފައިސާ، ޖެހިގެން އަންނަ މަހުގެ 28 ގެ ކުރިން އެމް.އެމް.އޭއިން ލައިސަންސް ދީފައިވާ ބޭންކެއްގައިވާ ބޭރު ފައިސާގެ އެކައުންޓަކަށް ޖަމާކޮށް މާރުކޮށް ނިންމަންޖެހޭނެއެވެ. އެމް.އެމް.އޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވެފައިވަނީ، މި ނިސްބަތް 40 އިންސައްތައަށް އިތުރުކުރުމަކީ އިޤްތިޞާދަށާއި ބޭރު ފައިސާއިން ދޫކުރާ ޓީޓީތަކަށް ބޭނުންވާ ފައިސާ އިތުރުކުރުމަށް ކޮންމެހެން އަޅަންޖެހޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.
ކަޅުބާޒާރުގައި ޑޮލަރުގެ މުޢާމަލާތްކުރުން ހުއްޓުވުމަށްޓަކައި، އެމް.އެމް.އޭގެ ރަސްމީ ރޭޓަށްވުރެ މަތީ ރޭޓެއްގައި ޑޮލަރު ވިއްކުމާއި، ވިއްކަން އުޅުމާއި، ސޯޝަލް މީޑިއާ އަދި ޑިޖިޓަލް ވަސީލަތްތަކުގައި އެފަދަ ރޭޓުތައް އިޝްތިހާރުކުރުމާއި އާންމުކުރުމަކީ މި ޤާނޫނުގެ ދަށުން މަނާ ކަމެކެވެ.
މި ޤާނޫނާ ޚިލާފުވާ ފަރާތްތަކަށް ކަނޑައަޅާފައިވާ ޖޫރިމަނާތަކަކީ:
- އަމިއްލަ ފަރުދުން ކަނޑައެޅިފައިވާ ރޭޓަށްވުރެ ބޮޑުކޮށް ފައިސާ ވިއްކުމުން ނުވަތަ ވިއްކަން އުޅުމުން: 25,000 ރުފިޔާއާއި 1,000,000 (އެއް މިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން.
- ސޯޝަލް މީޑިއާ ނުވަތަ ޑިޖިޓަލް ވަސީލަތްތަކުގައި ބޮޑު އަގުގައި ޑޮލަރު ވިއްކަން އިޝްތިހާރުކުރުމުން ނުވަތަ ރޭޓުތައް އާންމުކުރުމުން (އާންމު ފަރުދެއް ނަމަ): 25,000 ރުފިޔާއާއި 500,000 (ފަސް ލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން.
- ކުންފުނިތަކާއި ޤާނޫނީ ޝަޚްޞުތަކުން މިފަދަ ޢަމަލެއް ހިންގުމުން: 100,000 ރުފިޔާއާއި 5,000,000 (ފަސް މިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުންނެވެ.
މި އިދާރީ ފިޔަވަޅުތަކުގެ އިތުރުން، ޖިނާއީ ޢަމަލެއް ހިމެނޭނަމަ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ޖިނާއީ ދަޢުވާ އުފުލުމުގެ އިޚްތިޔާރު ވެސް ލިބިގެންވެއެވެ.
މި އިޞްލާޙަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ 1 ސެޕްޓެންބަރު 2026 އިން ފެށިގެންނެވެ. އަދި މިކަންކަން ތަންފީޒުކުރުމަށް ބޭނުންވާ ގަވާއިދުތައް ވަރަށް އަވަހަށް އެކުލަވާލައި ޢާންމުކުރެވޭނެއެވެ.