ދިވެހިރާއްޖޭގެ ޓެކްސް ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި، ޓެކުހާ ގުޅޭ މުހިންމު 3 ޤާނޫނަކަށް އިސްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލުތައް ތަޞްދީޤުކުރައްވާފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މިއަދު ތަސްދީޤުކުރެއްވި ތިން ބިލަކީ:
1. އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް 2 ވަނަ އިސްލާޙު ގެނައުމުގެ ބިލު:
މިމަހު 23 ވަނަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާއިން ފާސްކުރެއްވި މި ބިލުގެ މައިގަނޑު މަޤުޞަދަކީ، ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫޢުތަކުގައި ދިވެހި ވިޔަފާރިތަކާއި ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންނާ ދެމެދު ހަމަހަމަ، ވާދަވެރި މާހައުލެއް ޤާއިމުކުރުމެވެ. މި އިސްލާޙުގެ ދަށުން، ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރަކަށް ދައްކާ ފައިސާއިން ވިތްހޯލްޑިންގ ޓެކުހުގެ ގޮތުގައި ކުރިން އުނިކުރަމުން އައި 5 އިންސައްތަ ވަނީ 10 އިންސައްތައަށް ބޮޑުކޮށްފައެވެ. އަދި އެއީ އެ ފަރާތްތަކުން ދައްކަންޖެހޭ ފުރިހަމަ ޢަދަދު ކަމުގައި ކަނޑައަޅައި، ނޮން-ރެސިޑެންޓުން ޓެކްސް ބަޔާން ހުށަހެޅުމުގެ އިދާރީ މަސައްކަތްތަކަށް ވަނީ ލުއިފަސޭހަކަން ގެނެސްދީފައެވެ.
2. ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ބިލު:
މި ބިލަކީ މިމަހު 26 ވަނަ ދުވަހު މަޖިލީހުގެ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. މި އިސްލާޙުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހިންގާ އޮޑިޓްތަކާއި ތަޙްޤީޤުތަކުގެ އިޖުރާއަތުތައް ވަރުގަދަކޮށް، ޓެކުހާ ގުޅޭ މައުލޫމާތު ހުރި ކޮންމެ ފަރާތަކުން އެ މަޢުލޫމާތު މީރާއަށް ހުށަހެޅުމަށް އެންގުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނަށް ވަނީ ދެއްވާފައެވެ. މީގެއިތުރުން، ޓެކްސް ބަޔާން ނާޅާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމާއި، އިންސްޓޯލްމަންޓަށް ފައިސާ ދެއްކޭނެ އިންތިޒާމުތަކާއި، ކޮމަން ރިޕޯޓިންގ ސްޓޭންޑަރޑް (ސީއާރްއެސް) އިލްތިޒާމްތަކާ ޚިލާފުވާ ފަރާތްތައް 250،000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމުގެ ބާރުވެސް ޤާނޫނަށް ވަނީ އިތުރުކޮށްފައެވެ. އަދި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުންގެ ސުލޫކީ މިންގަނޑުތަކާއި މާލީ ބަޔާން އާންމުކުރުން ލާޒިމްކުރުމުގެ އިތުރުން ދަޢުވާ އުފުލުމުގެ މުއްދަތުތައްވެސް ވަނީ ކަނޑައަޅާފައެވެ.
3. މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު:
މިމަހު 23 ގައި މަޖިލީހުން ފާސްކުރެއްވި މި އިސްލާޙަކީ، ރާއްޖޭގެ ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒުކުރުމަށްޓަކައި، އޯފްޝޯ ބުކިންގ ޕްލެޓްފޯމްތަކާއި، ފޮރިން ޓުއަރ އޮޕަރޭޓަރުން އަދި ޓްރެވަލް އޭޖެންޓުން ފޯރުކޮށްދޭ މުދަލާއި ޚިދުމަތުން ޓެކްސް ނެގުމަށް ގެނެވުނު ބަދަލެކެވެ. މިގޮތުން، ރާއްޖޭގައި ދާއިމީ މަރުކަޒެއް ނެތް ފަރާތްތަކުން ވިއްކާ އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓްތަކުން ޓެކްސް ނަގާނީ މިހާރުވެސް ޓޫރިޒަމް ދާއިރާއަށް ކަނޑައަޅާފައިވާ 17 އިންސައްތައިގެ ރޭޓުންނެވެ. މި ޓެކްސް ނަގަން ފަށާނީ 1 އޮކްޓޫބަރު 2026 އިން ފެށިގެންނެވެ.
މި ތިން ބިލުވެސް ރައީސް ތަސްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢުކުރެއްވުމާއެކު، މި އިސްލާޙުތަކަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.