އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްޢާން ވަޙީދުގެ މައްސަލައިގައި ހުރިހާ ކަމެއް ނިންމީ ތަހުގީގަށް ލިބުނު ހެކިތަކުގެ މައްޗަށް ބިނާކޮށް ކަމަށާއި އެ މައްސަލައިގެ ތަހުގީގަށް އެއްވެސް ނުފޫޒެއް ނެތް ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ރިޝްވަތުގެ ގޮތުގައި ފައިސާ ހޯދައި، މަނީ ލޯންޑަރިންގގެ އަމަލުތައް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކުގެ ތަފްސީލީ ބަޔާނެއް ދިވެހި ފުލުހުންގެ ޚިދުމަތުން މިވަނީ ނެރެފައެވެ.
ފުލުހުން މި ބަޔާން ނެރެފައިވަނީ، މިމަހު 9 ވަނަ ދުވަހު ޝަމްޢާން މީޑިއާތަކާ ބައްދަލުކޮށް، ފުލުހުންގެ ތަހުގީގަކީ ސިޔާސީ ނުފޫޒުން ހިންގާފައިވާ ކަމެއް ކަމަށް ބުނެ ކުރި ތުހުމަތުތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ.
ފުލުހުންގެ ބަޔާނުގައިވާ ގޮތުން، 2025 މާރިޗު 11 ވަނަ ދުވަހު އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ބިދޭސީންތަކެއް ބަންދުކުރެވުނެވެ. މި އޮޕަރޭޝަން ރޭވުމާއި ތަންފީޒުކުރުމުގެ ހުރިހާ މައުލޫމާތެއް ޝަމްޢާނަށް އެނގޭކަން ތަހުގީގަށް ވަނީ ކަށަވަރުވެފައެވެ. އަދި ބަންދުކުރި ބިދޭސީންގެ ތެރެއިން އެކަކު ދޫކޮށްލުމަށް، ސްޕޮންސަރުގެ ނަމުގައި އީމެއިލްއަކުން ފޮނުވި ސިޓީއަކަށް ރިއާޔަތްކޮށް، އަވަސް މައްސަލައެއްގެ ގޮތުގައި އެމީހާ ދޫކޮށްލުމަށް ޝަމްޢާން އަމިއްލައަށް އިރުޝާދު ދީފައިވާކަން ވަނީ ހާމަވެފައެވެ.
މި މައްސަލައިގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، އެ ބިދޭސީ މީހާ ދޫކޮށްލުމަށްފަހު، އިމިގްރޭޝަންގެ ދެ މުވައްޒަފަކު އޭނާ ގޮވައިގެން މާލެ ތެރޭގައި ދަތުރުކޮށް، ރިޝްވަތުގެ ފައިސާއާ ބެހޭގޮތުން މަޝްވަރާކޮށްފައިވާ ކަމެވެ. މި މުވައްޒަފުން ފައިސާގެ އަދަދު ކަށަވަރުކުރުމަށް ޝަމްޢާނަށް ގުޅާފައިވާ ކަމަށާއި، 500,000 (ފަސްލައްކަ) ރުފިޔާއަށް މިކަން އެއްބަސްވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ތަހުގީގަށް ހޯދިފައިވާ ގޮތުގައި، ދަންވަރު 3:00 އެހައިކަންހާއިރު އިމިގްރޭޝަންގެ ދެ މުވައްޒަފުން ފައިސާ ހުރި ކޮތަޅަކާއެކު ޝަމްޢާން ދިރިއުޅޭ އެޕާޓްމަންޓަށް ވަދެ، ތިން މިނެޓް ފަހުން ނުކުތްއިރު އަތުގައި އެ ކޮތަޅު ނެތެވެ. އަދި ޖެހިގެން އައި ދުވަހު، ޝަމްޢާންގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓްތަކަށް ޖުމްލަ 259,837.35 ރުފިޔާ ޖަމާކޮށްފައިވާކަން ބޭންކް ރެކޯޑްތަކުން ފެންނަން އެބައޮތެވެ.
ޝަމްޢާންގެ ފޯނުގައި ކޮރަޕްޝަނާ ގުޅޭ ހެކި ހުރި ކަމަށް އޭނާ މީޑިއާގައި ބުނި ނަމަވެސް، މުޅި ތަހުގީގު މަރުހަލާގައިވެސް ފޯނުގެ ލޮކް ކޯޑު ދިނުމަށް އޭނާ އިންކާރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރިއެވެ. އަދި 2025 ޑިސެމްބަރު މަހު ބަންދުން ދޫކޮށްލުމަށްފަހުވެސް، އެފަދަ އެއްވެސް މައުލޫމާތެއް ރަސްމީ އިދާރާއަކަށް އޭނާ ހިއްސާކޮށްފައެއް ނުވެއެވެ.
ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ، މި މައްސަލައަކީ ހެކީގެ މައްޗަށް ބިނާކޮށް ހިންގާފައިވާ މިނިވަން ތަހުގީގެއް ކަމަށެވެ. އަދި މި މައްސަލައިގައި ކްރިމިނަލް ކޯޓުން މިހާރު ހުކުމް އިއްވާފައިވާތީ، އެ ނިންމުމާ މެދު ހިތްހަމަނުޖެހޭނަމަ އޮތް ގާނޫނީ ހައްލަކީ ޝަރުއީ ނިޒާމުގެ ތެރެއިން މައްސަލަ އިސްތިއުނާފު ކުރުން ކަމަށްވެސް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ.