MTCC

ހެޔޮލަފާ ދަރީންތަކެއް ބޮޑުވަމުންދާ ޤައުމެއްގެ މުސްތަޤްބަލާމެދު މާޔޫސްކަމެއް ނެތް: މެޑަމް ސާޖިދާ

ފޮޓޯ: ރައީސް އޮފީސް

ހެޔޮލަފާ ދަރީންތަކެއް ބޮޑުވަމުންދާ ޤައުމެއްގެ މުސްތަޤްބަލާމެދު މާޔޫސްކަމެއް ނެތް: މެޑަމް ސާޖިދާ

SHARE

ހެޔޮލަފާ ދަރީންތަކެއް ހެދި ބޮޑުވަމުންދާ ޤައުމެއްގެ މުސްތަޤްބަލާމެދު މާޔޫސްކަމެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.

ޤައުމީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި މެޑަމް ވަނީ ރާއްޖޭގެ ހުރިހާ ކުޑަކުދިންނަށާއި އެކުދިންގެ ޢާއިލާތަކަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވާއެވެ.

މިއަދު ފާހަގަކުރަމުންދާ ކުޑަކުދިންގެ ދުވަހާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މެޑަމް ސާޖިދާ ވިދާޅުވީ، ހެޔޮލަފާ އަދި އަޚްލާޤީ ގޮތުން ރަނގަޅު ދަރީންތަކެއް ބިނާވަމުންދާ ޤައުމެއްގެ ކުރިމަގާ މެދު އެއްވެސް މާޔޫސްކަމެއް ނެތް ކަމަށެވެ. އެކަމަނާގެ މެސެޖުގައި ބާރުއަޅުއްވާފައިވަނީ ކުޑަކުދިންނަށް ބޭނުންވާ އޯގާތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށެވެ.

"ހެޔޮލަފާ ދަރީންތަކެއް ހެދި ބޮޑުވަމުންދާ ޤައުމެއްގެ މުސްތަޤްބަލާމެދު މާޔޫސްކަމެއް ނެތް. ކުޑަކުދީންނަށް އަޅަައިލާ، އޯގާތެރިކަމާއެކު ޙިމާޔަތް ދެމުން ދާހައި ހިނދަކު ކުރިމަގަށް ކުރާ އުންމީދު ދާނީ ހަގީގަތަކަށް ވަމުން،" މެޑަމް ސާޖިދާ ވިދާޅުވިއެވެ.

މި އަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިއާރަކީ "އާއިލީ ހަމަޖެހުން، ކުދިންގެ ދުޅަހެޔޮކަން" މިއެވެ. މި ޝިއާރާ އެއްގޮތްވާ ގޮތުގެ މަތިން، ކުދިންނަށް އަމާން އަދި ރައްކާތެރި މާޙައުލެއް ބިނާކުރުމަށް ސަރުކާރުން ހަރުދަނާ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ.

މި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެސް ވަނީ ޚާއްޞަ ޚިޠާބެއް ފޮނުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ކުޑަކުދިންނަކީ ޤައުމުގެ މުސްތަޤްބަލު ކަމަށްވާއިރު، އެކުދިންނަށް އިސްލާމީ ރިވެތި އުޞޫލުތަކާއި ދިވެހި އާދަކާދަތައް ދަސްކޮށްދީ، ހަރުދަނާ ތަރުބިއްޔަތެއް ދިނުމަކީ މުޅި މުޖުތަމަޢުގެ ޒިންމާއެއްކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ޒަމާނީ ވަސީލަތްތަކާއި އޮންލައިން ދުނިޔޭގެ ސަބަބުން ކުޑަކުދިންނަށް ކުރިމަތިވާ ނުރައްކާތަކުން އެކުދިން ސަލާމަތްކުރުމަށް ބެލެނިވެރިންނާއި މުދައްރިސުން ސަމާލުވުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.

ކޮންމެ އަހަރެއްގެ މޭ މަހުގެ 10 ވަނަ ދުވަހަކީ ރާއްޖޭގައި ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ކުލަގަދަކޮށް ފާހަގަކުރާ ދުވަހެކެވެ. ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ ކޮންމެ ކުއްޖަކަށްވެސް ފެންވަރު ރަނގަޅު ތަޢުލީމާއި، ޞިއްޙީ ފަރުވާއާއި، އަދި އެކި ބާވަތުގެ ގޯނާތަކުން ރައްކާތެރިވެފައިވާ އަމާން މާޙައުލެއް ކަށަވަރުކޮށްދިނުމެވެ.