MTCC

ރާއްޖޭގައި ތިބި 98% ބިދޭސީންގެ ބަޔޯމެޓްރިކްސް އެއްކޮށްފި

2-11

ރާއްޖޭގައި ތިބި 98% ބިދޭސީންގެ ބަޔޯމެޓްރިކްސް އެއްކޮށްފި

SHARE

ރާއްޖޭގައި ސައްޙަ ވޯކްޕާމިޓެއްގެ ދަށުން މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން 98 އިންސައްތަ މީހުންގެ ބަޔޯމެޓްރިކްސް މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސައްޙަކަން ކަށަވަރު ކުރެވިފައިވާ އެކްޓިވް ވޯކްޕާމިޓްގައި މިވަގުތު ރާއްޖޭގައި ތިބި ބިދޭސީންގެ ތެރެއިން ގާތްގަނޑަކަށް ހުރިހާ އެންމެންގެ (98 އިންސައްތަ) ކާކުކަން ދެނެގަނެވޭނެ ގޮތަށް 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ މިހާރު ނަގައި ނިމިފައިވާ ކަމަށެވެ. މިއީ ބިދޭސީންގެ ފުރިހަމަ ދަފްތަރެއް އެކުލަވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ލިބުނު ބޮޑު ކުރިއެރުމެކެވެ.

"ސައްޙަކަން ކަށަވަރު ކުރެވިފައިވާ އެކްޓިވް ވޯކްޕަރމިޓުގައި މިވަގުތު ރާއްޖޭގައި ޤާއިމުވެތިބެގެން މަސައްކަތް ކުރަމުންދާ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން 98 އިންސައްތަ މީހުން ބަޔޯމެޓްރިކަލީ ކާކުކަން ދެނެގަނެވޭނެ ގޮތަށް 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ ވަނީ ނަގާ ނިމިފައި." ރައީސް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ބިދޭސީންގެ ބަޔޯމެޓްރިކްސް މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް އޮތީ އެންމެ 13 އިންސައްތައިގައެވެ. ނަމަވެސް، ވޭތުވެދިޔަ ކުރު މުއްދަތުގެ ތެރޭގައި ސަރުކާރުން ކުރި ހަލުވި މަސައްކަތުން، ބިދޭސީންގެ ފުރިހަމަ ދަފްތަރެއް އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ ބޮޑުބައެއް މިވަނީ ކާމިޔާބުކަމާއެކު ނިންމާލެވިފައެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ޚާއްސަ މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފައެވެ.

މިގޮތުން، ކުރިއަށް އޮތް ބައި އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން އެންމެ އިސްކަމެއް ދޭނީ ބަޔޯމެޓްރިކްސް މަޢުލޫމާތު ނުނެގި ބާކީ ތިބި މީހުން ހޯދުމަށާއި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަނެ ރާއްޖެއިން ޑިޕޯޓުކުރުމުގެ ޚާއްސަ އޮޕަރޭޝަންތައް ހިންގުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ މިސަރުކާރުން ނުހަނު ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މަސައްކަތެކެވެ. މި މަސައްކަތުގެ ދަށުން، މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީންގެ މައުލޫމާތު އެއްކުރެވިފައިވާއިރު، މީގެ ސަބަބުން ރާއްޖޭގައި އުޅޭ ބިދޭސީންނަކީ ކޮބައިކަން ދެނެގަތުމަށާއި ގައުމީ ސަލާމަތް ކަށަވަރުކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.

ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ފުރިހަމަ އަދި ދާއިމީ ހައްލެއް ހޯދައި، ރާއްޖޭގެ މަސައްކަތު ބާޒާރުގައި ހުރި މިފަދަ ގޮންޖެހުންތައް ނައްތާލުމެވެ.