MTCC

ތިލަމާލެ ބުރިޖުގެ 72 އިންސައްތަ މަސައްކަތް ނިންމާލައިފި

main_20260303_131542

ތިލަމާލެ ބުރިޖުގެ 72 އިންސައްތަ މަސައްކަތް ނިންމާލައިފި

SHARE

ގުޅީފަޅު އަދި ތިލަފުށި ގުޅުވާލުމަށްޓަކައި ކުރިއަށްގެންދާ "ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ނުވަތަ ތިލަމާލެ ބްރިޖްގެ މަސައްކަތުގެ ބޮޑު ބައެއް ނިމި، މުޅި މަޝްރޫއުގެ 72.17 އިންސައްތަ މަސައްކަތް މިހާރު ފުރިހަމަވެފައިވާ ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ އޮފިޝަލަކު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިހާރު ސައިޓުގައި އެންމެ ބާރުސްޕީޑެއްގައި ކުރިއަށްދަނީ ބްރިޖްގެ ޑެކަށް ބޭނުންވާ ސެގްމަންޓްތައް ތައްޔާރުކުރުމާއި (ކާސްޓްކުރުން) އަދި އެ ތަކެތި ހަރުކުރުމުގެ (އިންސްޓޯލްކުރުން) މަސައްކަތްތައް ކަމަށެވެ. ބްރިޖް ޑެކަށް ބޭނުންވާ ޖުމްލަ 1,222 ސެގްމަންޓްގެ ތެރެއިން 84 އިންސައްތައަށްވުރެ ގިނަ ސެގްމަންޓް މިހާރު  ވަނީ ކާސްޓްކޮށް ނިންމާފައެވެ. މީގެ އިތުރުން، މީގެ ތެރެއިން 54 އިންސައްތައަށްވުރެ ގިނަ ސެގްމަންޓް މިހާރު ވަނީ ބްރިޖްގެ އޮނިގަނޑުގައި ހަރުކޮށް ނިންމާލާފައެވެ.

މަޝްރޫއުގެ ތަފްސީލުތަކަށް ބަލާއިރު، ގުޅީފަޅުގައި ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ބާރު މިނެއްގައި ކުރިއަށްދާއިރު، ތިލަފުށީގައި ކުރިއަށްދަނީ ބްރިޖާ ގުޅިގެން އަޅަންޖެހޭ ރިވެޓްމަންޓް ޖެހުމާއި ކަލްވާޓްތައް ހަރުކުރުމުގެ މަސައްކަތެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެށި މި ބިޔަ މަޝްރޫއު އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއާ ހަވާލުކޮށްފައިވަނީ 26 އޮގަސްޓް 2021 ގައެވެ. ނަމަވެސް، ކުރީގެ ސަރުކާރު ނިމުނުއިރު މަޝްރޫއުގެ ބޮޑުބައެއް ނުނިމި އޮތުމުގެ ސަބަބުން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ މަސައްކަތް އަވަސްކުރުމަށް ބާރުއަޅަމުންނެވެ.

ޖުމްލަ 6.7 ކިލޯމީޓަރުގެ ދިގު މި ބްރިޖް/ކޯޒްވޭ ލިންކަކީ ރާއްޖޭގައި މިހާތަނަށް ހިންގޭ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއެވެ. މި މަޝްރޫއުގެ ދަށުން ތިން މައިގަނޑު ބްރިޖެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އެއީ:

  • މާލެ އާއި ވިލިމާލެ ގުޅާލާ ބްރިޖް.
  • ވިލިމާލެ އާއި ގުޅީފަޅު ގުޅާލާ ބްރިޖް.
  • ގުޅީފަޅާއި ތިލަފުށި ގުޅާލާ ބްރިޖް.

މީގެ އިތުރުން ވިލިމާލޭގައި އުޅަނދުތައް ދަތުރުކުރަން ރޭމްޕެއް ހެދުމާއި، ގުޅީފަޅުގައި މަގުތައް ހެދުމުގެ އިތުރުން ވިލިމާލެ އާއި ތިލަފުށިން ބައެއް ބިން ހިއްކުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މި ބިޔަ މަޝްރޫއަށް ޖުމްލަ 500 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 7.7 ބިލިއަން ރުފިޔާ) ޚަރަދުވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ތެރެއިން 400 މިލިއަން ޑޮލަރަކީ އިންޑިއާގެ ލޯނު އެހީއެވެ. އަދި ބާކީ 100 މިލިއަން ޑޮލަރަކީ އިންޑިއާ ސަރުކާރުން ދީފައިވާ ހިލޭ އެހީއެވެ.

މި ބްރިޖް ނިމުމުން މާލެ ސަރަހައްދުގެ އިގްތިސާދީ އަދި އިޖުތިމާއީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އައިސް، ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުއްމީދު ކުރެއެވެ.