MTCC

ރާއްޖެއަކީ އިންޑިއާ ކަނޑުގެ އިޤްތިސާދީ މަރުކަޒަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއް: ސަޢީދު

4d924280-19a9-487a-9ff4-90a1bcd44e8e

ރާއްޖެއަކީ އިންޑިއާ ކަނޑުގެ އިޤްތިސާދީ މަރުކަޒަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއް: ސަޢީދު

SHARE

ފަތުރުވެރިކަމުގެ އިތުރުން، ދިވެހިރާއްޖެއަކީ އިންޑިއާ ކަނޑުގެ މުހިއްމު އިޤްތިޞާދީ މަރުކަޒަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ބޮޑު އަމާޒެއް ކަމަށް އިޤްތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ސްރީލަންކާގެ ކޮލަމްބޯގައި ކުރިއަށްދިޔަ "މޯލްޑިވްސް – ސްރީލަންކާ ބިޒްނަސް ފޯރަމް" ގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އިސްނަގައިގެން ބާއްވަމުން އަންނަ ބިޒްނަސް ފޯރަމްތަކުގެ ސިލްސިލާގެ ތެރެއިން ބޭއްވުނު 10 ވަނަ ފޯރަމެވެ.

މި ފޯރަމްގައި ވާހަކަ ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ރާއްޖޭގެ އަމާޒަކީ ހަމައެކަނި ދުނިޔޭގެ ފެންވަރުގެ ފަތުރުވެރިކަމުގެ މަންޒިލަކަށް ވުން ނޫން ކަމަށާއި، އޭގެ ބަދަލުގައި ވިޔަފާރިއާއި، ރައުސުލްމާލް އަދި އައު އީޖާދުތައް ގުޅުވައިދޭ އިންޑިއާ ކަނޑުގެ މުހިއްމު އިޤްތިޞާދީ ހަބަކަށް ރާއްޖެ ބަދަލުކުރުން ކަމަށެވެ.

"ކުދި ޖަޒީރާ ގައުމުތަކަކަށް ވީތީ، ދެ ގައުމަށްވެސް ކުރިމަތިވަނީ އެއްގޮތް ހަގީގަތްތަކެއް. އެއީ މާކެޓް ކުޑަވުމާއި، ބޭރުގެ އިގްތިސާދީ ލޮޅުންތަކުގެ އަސަރު ފަސޭހައިން ފޯރުމާއި، އަދި އިގްތިސާދު ސިންދަފާތުކޮށް އައު އީޖާދުތަކުގެ އެހީގައި ގައުމުގެ ފުދުންތެރިކަން އިތުރުކުރަން ޖެހިފައިވުން. މި ގޮންޖެހުންތަކަކީ އަޅުގަނޑުމެން ގުޅިގެން މަސައްކަތްކުރުމަށް ލިބޭ ފުރުސަތުތަކެއްވެސްމެ." ސަޢީދު ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދީ އެކި ދާއިރާތަކުގައި ސްރީލަންކާގެ ބައިވެރިވުން ބޮޑުކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މާލީ ދާއިރާއާއި، ފަތުރުވެރިކަމާއި، ދަތުރުފަތުރާއި، އުފެއްދުންތެރިކަމުގެ އިތުރުން މަސްވެރިކަމުގެ ދާއިރާގައިވެސް ލަންކާގެ ކުންފުނިތަކުގެ ހިއްސާ ބޮޑު ކަމަށެވެ. މިއީ ހަމައެކަނި ވިޔަފާރީގެ މަންފާއަށް ކުރާ ކަމެއް ނޫން ކަމަށާއި، މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް އިތުބާރާއި ގާތް ގުޅުމުގެ ރަމްޒެއް ކަމަށްވެސް ވަޒީރު ސަޢީދު ފާހަގަކުރެއްވިއެވެ.

މަސްވެރިކަމާއި ލޮޖިސްޓިކްސް ފަދަ ދާއިރާތަކުން ދެ ޤައުމު ގުޅިގެން މަސައްކަތްކޮށްފިނަމަ، ބައިނަލްއަޤްވާމީ ބާޒާރުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، އިއާދަކުރަނިވި ހަކަތައާއި "ބްލޫ އިކޮނޮމީ" ނުވަތަ ނޫ އިޤްތިސާދުގެ ދާއިރާއިން ދެ ޤައުމު ގުޅިގެން މުޅި ދުނިޔެއަށް ނަމޫނާ ދެއްކިދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"ކުދި ޖަޒީރާ ގައުމުތަކަކަށް ވީތީ، ދެ ގައުމަށްވެސް ކުރިމަތިވަނީ އެއްގޮތް ހަގީގަތްތަކެއް. އެއީ މާކެޓް ކުޑަވުމާއި، ބޭރުގެ އިގްތިސާދީ ލޮޅުންތަކުގެ އަސަރު ފަސޭހައިން ފޯރުމާއި، އަދި އިގްތިސާދު ސިންދަފާތުކޮށް އައު އީޖާދުތަކުގެ އެހީގައި ގައުމުގެ ފުދުންތެރިކަން އިތުރުކުރަން ޖެހިފައިވުން. މި ގޮންޖެހުންތަކަކީ އަޅުގަނޑުމެން ގުޅިގެން މަސައްކަތްކުރުމަށް ލިބޭ ފުރުސަތުތަކެއްވެސްމެ،" ވަޒީރު ވިދާޅުވިއެވެ.

ދެ ޤައުމުގެ ވިޔަފާރީގެ ތަފާސްހިސާބުތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، މިހާރު ރާއްޖެއިން ލަންކާއާއެކު ކުރާ ވިޔަފާރީގައި 166 މިލިޔަން ޑޮލަރަށްވުރެ ބޮޑު ޑެފިސިޓެއް އެބައޮތް ކަމަށެވެ. މިއިން ދޭހަވަނީ ރާއްޖޭގެ ބާޒާރުގައި ސްރީލަންކާގެ މުދާ ގިނަ އަދަދަކަށް ހުރިކަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޒަމާނީ ޓެކްނޮލޮޖީއާއި ތިމާވެށީގެ ރޮނގުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މިއަދު ފެށުނު ފޯރަމަކީ ހަމައެކަނި މަޝްވަރާކޮށްލުމަށް ބާއްވާ ބައްދަލުވުމެއް ނޫން ކަމަށެވެ. އަދި މިއީ ޢަމަލީ ގޮތުން މަސައްކަތްތަކެއް ފެށުމަށް ލިބުނު ރަނގަޅު ފުރުޞަތެއް ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ

މި ބިޒްނަސް ފޯރަމްގެ މައިގަނޑު ބޭނުމަކީ ދެ ޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރި އިތުރަށް ފުޅާކޮށް، އިންވެސްޓްމަންޓްތައް އިތުރުކުރުމެވެ. އަދި ދެ ގައުމު ގުޅިގެން ބޮޑެތި މަޝްރޫއުތައް ހިންގައި، އިޤްތިޞާދީ ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމަކީ ސަރުކާރުގެ އުއްމީދެއް ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.