MTCC

މިލަންދޫ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި

IMG_5462-768x563

މިލަންދޫ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި

SHARE

މިލަންދޫގައި އެއަރޕޯޓެއް ތަރައްޤީކުރުމަށްޓަކައި ބޭނުންވާ ބިން ހިއްކުމުގެ ބިޔަ މަޝްރޫޢު، ކަނޑައެޅިފައިވާ ތާވަލަށްވުރެ މާ އަވަހަށް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހާމަކުރެއްވި ގޮތުގައި، މިލަންދޫ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ނިންމާލާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ. މި މަޝްރޫޢަކީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ޙަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ތަފްޞީލަށް ބަލާއިރު، އެންމެ 31 ދުވަހުގެ ތެރޭގައި ކަނޑުން 21 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. މީގެ އިތުރުން، އެއްގަމުން ރުއް ގަސް ނަގައިގެން ތައްޔާރުކުރި 4.9 ހެކްޓަރާއެކު، އެއަރޕޯޓް ތަރައްޤީކުރުމަށް ޖުމްލަ 25.90 ހެކްޓަރުގެ ބިން މިހާރު ވަނީ ތައްޔާރުކުރެވިފައެވެ.

ބިން ހިއްކުމުގެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންގޮސްފައި ވަނީ ބޮސްކާލިސް ކުންފުނީގެ މަޝްހޫރު "ކުއިން އޮފް ދަ ނެދަލޭންޑްސް" ޑްރެޖަރު ބޭނުންކޮށްގެންނެވެ. 35,000 ކިއުބިކް މީޓަރުގެ ވެލި އުފުލުމުގެ ގާބިލުކަން ހުރި މި ޑްރެޖަރު ބޭނުންކޮށްގެން، މުޅި މަޝްރޫޢަށް ޖުމްލަ 1,134,534 ކިއުބިކް މީޓަރުގެ ވެލި އަޅާފައިވެއެވެ. މިލަންދޫ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ އެޕްރީލް މަހުގެ 3 ވަނަ ދުވަހުއެވެ.

އާބާދީގައި 2,700 އަށްވުރެ ގިނަ މީހުން ދިރިއުޅޭ މިލަންދޫގައި އެއަރޕޯޓެއް ބިނާކުރުމަކީ ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު މަޝްރޫޢެކެވެ. އެމަނިކުފާނު ވަނީ މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި އެއަރޕޯޓުގެ ހުރިހާ މަސައްކަތެއް ނިންމަވައި، ރައްޔިތުންނަށް ޚިދުމަތް ދޭން ފަށާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ.

ސަރުކާރުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، އެއަރޕޯޓުގެ މަޝްރޫޢު ކުރިއަށްދާއިރު ރަށުގެ މިހާރުގެ ބަނދަރުގެ ބައެއް އެއަރޕޯޓުގެ ސަރަޙައްދަށް އަރާތީ، ބަނދަރު އެހެން ސަރަޙައްދަކަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. އެހެންކަމުން، އެއަރޕޯޓުގެ ޑިޒައިނާ އެއްގޮތަށް ބަނދަރަށް ބޭނުންވާ ޖާގަ ރަށުގެ އެހެން ދިމާލަކުން ހަމަޖައްސައި، އެ މަސައްކަތްވެސް އެއަރޕޯޓް މަޝްރޫޢުގެ ތެރެއިން ކުރިއަށްދާނެއެވެ.

މި މަޝްރޫޢު އެމްއޭސީއެލްއާ ޙަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. ބިން ހިއްކުމުގެ މަސައްކަތް މިހާ އަވަހަށް ނިމިގެންދިއުމަކީ މިލަންދޫގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ.