ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މާލީ ބަޔާން ހުށަހެޅުމަށް އޮންނަ އުސޫލުގެ ދަށުން، މި ހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުން މަލީ ބަޔާން ހުށަހަޅާ ނިންމައިފި އެވެ.
މަޖިލީހުގެ ގަވާއިދުގައިވާގޮތުން މަޖިލީހުގެ މެމްބަރުން މިދިޔަ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މާލީ ބަޔާން ހުށަހަޅަންޖެހެ އެވެ. މުއްދަތު ހަމަވި އިރު މާލީ ބަޔާން ހުށަހަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ 93 މެމްބަރުންގެ ތެރެއިން 88 މެމްބަރުންނެވެ. އެއާއެކު، ބަޔާން ހުށަނާޅާ 5 މެމްބަރުންނަށް، ގަވާއިދުގެ ދަށުން މަޖިލީހުން ނޯޓިސް ފޮނުވި އެވެ.
އެ ފަސް މެމްބަރުންނަކީ:
- ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު
- މައްޗަންގޮޅި މެދު ދާއިރާ މެންބަރު އަހުމަދު ޒަމީރު
- މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުސްތަފާ އިބްރާހީމް
- ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހީން
- މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް
އެ ފަސް މެމްބަރުންގެ މާލީ ބަޔާން މަޖިލީހުގެ ވެބްސައިޓުގައި މިހާރު ވަނީ ޝާއިއުކޮށްފަ އެވެ.
މަޖިލީހުގެ މެމްބަރުން މަގާމުގެ ހުވާކުރާ ތާރީހުން ފެށިގެން ތިން މަސް ދުވަސް ތެރޭގައި ފުރަތަމަ މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކުރީ މިދިޔަ އަހަރުގަ އެވެ.
20 ވަނަ މަޖިލީހުގެ މެމްބަރުންގެ ފުރަތަމަ މާލީ ބަޔާން އާންމުކޮށްފައިވާއިރު، އޭގެ ތެރޭގައި ބޮޑެތި ލޯނުތަކާއި ކްރެޑިޓް ކާޑުތަކަށް ފައިސާ ދައްކަން ޖެހޭ މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ. އަދި އެކައުންޓުގައި އެއްވެސް މިންވަރަކަށް ފައިސާ ނެތް މެމްބަރުންނާއި މިލކިއްޔާތުގައި މުދާ ނެތް މެމްބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.