MTCC

ރާއްޖެއާއި ޕާކިސްތާނާ ދެމެދު 20 އެއްބަސްވުމެއްގައި ސޮއިކޮށްފި

Screenshot 2026-10-21 124632

ރާއްޖެއާއި ޕާކިސްތާނާ ދެމެދު 20 އެއްބަސްވުމެއްގައި ސޮއިކޮށްފި

SHARE

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދެގައުމުގެ ދެމެދުގައި 20 އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ.

ރައީސް ޕާކިސްތާނަށް ކުރައްވާ މި ދަތުރުފުޅަކީ އެޤައުމުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްގެ ޚާއްސަ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އާއި ޑިފެންސް މިނިސްޓަރު ހަސަން ރަޝީދާއި ހޯމް މިނިސްޓަރު އަލީ އިހުސާނާއި ހެލްތު މިނިސްޓަރު ގީލާ އަލީ އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ނަސީރު އާއި ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) އާއި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޗީފް ޕްރޮޓޮކޯލް މުހައްމަދު ޝަހުދީ ބައިވެރިވެވަޑައިގެންނެވިއެވެ.

މި ދަތުރުފުޅުގެ ތެރެއިން ސިއްހީ ދާއިރާ، މަސްވެރިކަމުގެ ދާއިރާ އަދި ތައުލީމީ ދާއިރާ ހިމެނޭހެން ޕާކިސްތާނާއި ރާއްޖޭއާ ދެމެދު 20 އެއްބަސްވުން ގާއިމުކޮށް ގިނަ ދާއިރާތަކުން އެއްބާރުލުން ދިނުމަށް ޕާކިސްތާނުން މިވަނީ އެއްބަސްވެފައެވެ. ހަމައެއާއެކު ޕާކިސްތާނާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށްވެސް މިވަނީ އެއްބަސްވެފައެވެ. ދެ ޤައުމުގެ ސަރުކާރުގެ ދެމެދުގައި އެކުލަވައިލެވުނު މައިގަނޑު އެއްބަސްވުންތައް:

  • ޒުވާނުންނާއި ކުޅިވަރު: ޒުވާނުންގެ ކުރިއެރުމަށާއި ކުޅިވަރުގެ ފުރުޞަތުތައް ފުޅާކުރުން.
  • ފަތުރުވެރިކަން: ދެ ޤައުމުގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ކުރިއެރުވުން.
  • ސަގާފަތާއި ފަންނުވެރިކަން: ތާރީޚީ ތަރިކައާއި، ސަގާފީ އަދި ފަންނީ ހަރަކާތްތައް ކުރިއެރުވުން.
  • ތިމާވެށި ރައްކާތެރިކުރުން: ތިމާވެށީގެ ދާއިރާއިން އެއްބާރުލުން ދިނުން.
  • ދަނޑުވެރިކަމާއި މަސްވެރިކަން: ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ކަނޑުގެ ވަސީލަތްތައް ބޭނުންކުރުމުގައި ގުޅިގެން މަސައްކަތްކުރުން.
  • ދިފާޢާއި ސަލާމަތީ ކަންކަން: ދިފާޢީ ގޮތުންނާއި، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެއްބާރުލުން އިތުރުކުރުން.
  • ޒަމާނީ ޓެކްނޮލޮޖީ: އިންފޮމޭޝަން ޓެކްނޮލޮޖީ، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)، ސައިބަރ ސެކިއުރިޓީ އަދި ޑިޖިޓަލް ހުނަރުތައް ތަރައްޤީކުރުން.
  • ކުށްމަނާކުރުމާއި އިޖުތިމާޢީ ރައްކާތެރިކަން: އިންސާނީ ވަގުފާރިއާއި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމުގެ އިތުރުން، އިޖުތިމާޢީ ރައްކާތެރިކަން ހަރުދަނާކުރުން.
  • ޞިއްޙީ ދާއިރާ: ރާއްޖެއަށް ބޭނުންވާ ޞިއްޙީ ޚިދުމަތްތެރިން ހޯދުމަށް މަގުފަހިކުރުން.
  • ދަތުރުފަތުރު: ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވައިގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ފުޅާކުރުން.

މީގެ އިތުރުން، ދެ ޤައުމުގެ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް ޚާއްޞަ އެއްބަސްވުންތަކެއް ވަނީ އެކުލަވާލާފައެވެ. އެގޮތުން، ބޭސްފަރުވާއާއި ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭގޮތުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީއާ ދެމެދު އެއްބަސްވުމެއް ޤާއިމުކުރެވުނެވެ. އަދި ދައުލަތުގެ ޚިދުމަތްތައް ހަރުދަނާކުރުމަށްޓަކައި ރާއްޖޭގެ ސިވިލް ސަރވިސް ކޮމިޝަނާއި ޕާކިސްތާނުގެ ފެޑަރަލް ޕަބްލިކް ސަރވިސް ކޮމިޝަނާ ދެމެދު ދެ އެއްބަސްވުމެއްގައި ސޮއިކުރިއެވެ.

ފުލުހުންގެ ޤާބިލުކަން އިތުރުކޮށް ތަމްރީނު ދިނުމުގެ ގޮތުން ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި ޕާކިސްތާނުގެ ޕޮލިސް އެކެޑަމީއާ ދެމެދު ވަނީ އެއްބަސްވުމެއް ހަދާފައެވެ. ހަމައެއާއެކު، ރާއްޖެއަށް ކޮންމެހެން ބޭނުންވާ މުހިންމު މުދާ ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެސްޓީއޯ އަދި ޓްރޭޑިންގ ކޯޕަރޭޝަން އޮފް ޕާކިސްތާން (ޓީސީޕީ) އާ ދެމެދުވެސް ވިޔަފާރީގެ އެއްބަސްވުމެއް ވަނީ ޤާއިމުކޮށްފައެވެ.