ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓްކަން އަރުވައިފިއެވެ.
މި ޝަރަފު އެމަނިކުފާނަށް އަރުވާފައިވަނީ ރައީސްގެ ދެކަނބަލުން މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފުގެ ރަސްމީ ގެކޮޅުގައި މިއަދު އޮތް ހާއްސަ ރަސްމިއްޔާތެއްގައެވެ. މި އެވޯޑު ރައީސުލްޖުމްހޫރިއްޔާއާ ހަވާލުކޮށްދެއްވީ އެ ޔުނިވަރސިޓީގެ ނައިބު ރައީސް ޕްރޮފެސަރ ޑރ. ނަދީމް އަހުމަދު ޝެއިޚެވެ.
މި ޝަރަފަކީ ދިވެހިރާއްޖޭގެ ތަރައްޤީއަށް ރައީސް މުޢިއްޒު ކޮށްދެއްވާފައިވާ އިހުލާސްތެރި ޚިދުމަތްތަކާއި، ތަފާތު ދާއިރާތަކުން ޤައުމަށް ގެނެސްދެއްވި ކުރިއެރުންތަކުގެ އިތުރުން ބައިނަލްއަޤްވާމީ މަސްރަޙުގައި ރާއްޖޭގެ ނަން ރީތިކޮށްދެއްވުމަށް ކުރައްވާ މިންނެތް މަސައްކަތްޕުޅުތައް ފާހަގަކުރައްވައި އެރުވި ލަގަބެކެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާއަށް މިފަދަ ޝަރަފެއް ލިބިވަޑައިގެންނެވި ދެވަނަ ފަހަރެވެ. އެގޮތުން، އިސްލާމީ ލީޑަރޝިޕާއި މަދަނީ ތަރައްޤީގެ ރޮނގުން ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާތީ، މިދިޔަ އަހަރު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާ (އައިއައިޔޫއެމް) އިން ވެސް ވަނީ އެމަނިކުފާނަށް އޮނަރަރީ ޕީއެޗްޑީ އަރުވާފައެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް އައިއައިޔޫއެމްއިން ދިވެއްސަކަށް އެރުވި ފުރަތަމަ އޮނަރަރީ ޑޮކްޓްރޭޓްގެ ޝަރަފެވެ. އަދި މިއީ ރާއްޖޭގެ ރައީސަކަށް ވެސް އެރުވި މިފަދަ ފުރަތަމަ ޝަރަފެވެ.
ރައީސް ޑރ. މުޢިއްޒު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގެ ތެރެއިން، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން މުހިންމު 20 ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކުގައި މިއަދު ވަނީ ސޮއިކުރައްވާފައެވެ