MTCC

ވިޔަފާރިއާއި ތައުލީމީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ޕާކިސްތާނުގެ ޚާރިޖީ ވަޒީރާއެކު މަޝްވަރާކުރައްވައިފި

HVIZ3w_aEAAjbl_

ވިޔަފާރިއާއި ތައުލީމީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ޕާކިސްތާނުގެ ޚާރިޖީ ވަޒީރާއެކު މަޝްވަރާކުރައްވައިފި

SHARE

ވިޔަފާރިއާއި ތައުލީމީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ޕާކިސްތާނުގެ އެ ޤައުމުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު މުޙައްމަދު އިސްޙާޤް ދާރުއާއެކު މަޝްވަރާކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގެޚާރިޖީ ވަޒީރު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމާއި، އެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

މި ބައްދަލުކުރެއްވުމުގައި ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު ވަނީ އެ ޤައުމުގެ ރައީސް އާސިފް އަލީ ޒަރުދާރީ އާއި ބޮޑުވަޒީރު މުހައްމަދު ޝަހްބާޒް ޝަރީފްގެ ފަރާތްޕުޅުން ރައީސް މުއިއްޒުއަށާއި، ދިވެހި ވަފުދުގެ ބޭފުޅުންނަށް ހޫނު މަރުޙަބާއަކާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އަދި ދިވެހިރާއްޖެއާއެކު އޮތް އަޚުވަންތަ ގުޅުން ދެމެހެއްޓުމަށް ޕާކިސްތާނުން އަބަދުވެސް ޚާއްސަ އިސްކަމެއް ދޭކަން ފާހަގަކުރައްވައި، ވިޔަފާރިއާއި، އިންވެސްޓްމަންޓް، ތަޢުލީމު، މޫސުމަށް އަންނަ ބަދަލުތައް އަދި ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލެއްވިއެވެ.

މީގެއިތުރުން، މި ދަތުރުފުޅުގެ ތެރެއިން ބޭއްވުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް" ގައި ރާއްޖޭގެ ވިޔަފާރިވެރިންގެ ވަފުދުން ބައިވެރިވާތީ އެކަމަށް މަރުޙަބާ ވިދާޅުވަމުން، ވިޔަފާރިތަކުގެ މެދުގައި ބޭއްވޭ މިފަދަ ބައްދަލުވުންތަކުގެ (ބީ.ޓޫ.ބީ) ސަބަބުން ދެ ޤައުމުގެ ދެމެދުގައި އިންވެސްޓްމަންޓްގެ ޙަޤީޤީ ފުރުޞަތުތަކެއް ތަނަވަސްވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އިސްހާޤް ދާރު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އެމަނިކުފާނަށާއި ވަފުދަށް ޕާކިސްތާނު ސަރުކާރުން އަދާކުރެއްވި ފުރިހަމަ މެހެމާންދާރީއަށްޓަކައި އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. އަދި ޕާކިސްތާނާއެކު އޮތް ގާތް ގުޅުން އައު ހަރުފަތަކަށް ގެންދިއުމަށާއި، ދެ ޤައުމަށްވެސް ފައިދާހުރި އައު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ރާއްޖެއިން އަބަދުވެސް ތައްޔާރަށް އޮތްކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރައީސް ޕާކިސްތާނަށް ކުރައްވާ މި ފުރަމާނަ ދަތުރުފުޅަކީ މި މަހުގެ 20 އިން 22 އަށް އެ ޤައުމުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ހަރުދަނާކުރުމަށް ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅު ކުރިއަށް މިދަނީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށެވެ. ދެ ޤައުމުގެ ދެމެދުގައި ރަސްމީކޮށް ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 26 ޖުލައި 1966 ގައެވެ.