މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، ސަބް ބޭސް އަދި އެގްރިގޭޓް ބޭސް ކޯސްގެ މަސައްކަތް ނިމއްޖެ ކަމަށާއި މިއަދު ތާރު އެޅުމުގެ މަސައްކަތް މިއަދަށް ނިމޭނެ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
އެ ކުންފުނިން ކުރިޔަށް ގެންދާ މި މަޝްރޫއުގެ ތަފްސީލު ހާމަކުރަމުން އެމްޓީސީސީން ވިދާޅުވީ ބޮޑުތަކުރުފާނު މަގުމަގު ހެދުމުގެ މަޝްރޫއު (ފޭސް 1) ގެ މަސައްކަތް ނިމުމަކަށް ގެނެސް، ސަބް ބޭސް އަދި އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) ގެ މަސައްކަތް މިހާރު ނިިމިފައިވާ ކަމަށާއި މަގުގެ ބާކީ ހުރި ތަންތަނަށް ތާރު އެޅުމުގެ މަސައްކަތް މިއަދު ނިމޭނެ ކަމަށެވެ.
ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ފޮރިން މިނިސްޓްރީ ހުރި އިމާރާތާ ހަމައަށް މިހާރު ވަނީ ތާރުއަޅައި ނިންމާފައެވެ. އަދި މަޝްރޫއުގެ ބާކީ އޮތް ބައި ކަމަށްވާ ފޮރިން މިނިސްޓްރީން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ތާރުއެޅުމުގެ މަސައްކަތް މިއަދު ނިންމާލާނެއެވެ.
ހަމައެއާއެކު ސެގްމެންޓް 4 އަދި 5 ގެ ރޯޑް މާކިން ވެސް ހަދާފައި ވާއިރު، ޕާކިން ޒޯން ވެސް ވަރަށް ފުރިހަމައަށް ކުރިއަށް ގެންދާ ކަމަށާއި ސެގްމެންޓް 2 އަދި 3 ގެ ސައިޑްވޯކް ޕޭވިން އާއި ކޭބަލް ޓްރެންޗްގެ މަސައްކަތް މިހާރު ފަށާފައިވާކަންވެސް ވަނީ ހާމަކޮށްފައެވެ.
މި މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ހަތަރު ލޭނަށް ފުޅާކުރެވިގެންދާނެއެވެ. ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް 830 މީޓަރުގެ ސަރަހައްދެއްގައި ތާރުއެޅުމުގެ އިތުރުން، ޒަމާނީ ފެންވަރުގެ ދުވާރުތަކާއި، ފެން ހިންދާ ނިޒާމެއް ގާއިމުކުރުން މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން، މަގު ފެހިކުރުމަށް ގިނަ އަދަދެއްގެ ގަސް އިންދުމާއި، ރޯޑް މާކިން އަދި ސައިން ބޯޑު ހަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ.
އާންމުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން، މަގުގެ އެއް ފަޅީގައި ޕާކުކުރެވޭނެ ޖާގަ ހާއްސަކޮށް، މަސްވެރިންގެ ޕާކު ސަރަހައްދު ވެސް މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރެވޭނެއެވެ. ހާއްސަކޮށް ބީއެމްއެލް ހެޑް އޮފީސް ކުރިމަތިން ފަޅުން ބައެއް ހިއްކައިގެން ގިނަ އަދަދެއްގެ ސައިކަލު ޕާކު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ.
މިދިޔަ މާޗް މަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.