MTCC

ރަޖިސްޓްރީ ނުކުރާ ދަރިވަރުންނަށް ސަނަދު ދޫކުރި އެވިޑް ކޮލެޖު ޖޫރިމަނާކޮށްފި

college

ރަޖިސްޓްރީ ނުކުރާ ދަރިވަރުންނަށް ސަނަދު ދޫކުރި އެވިޑް ކޮލެޖު ޖޫރިމަނާކޮށްފި

SHARE

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގައި ރަޖިސްޓްރީ ކޮށްފައިނުވާ ދަރިވަރުންތަކަކަށް ސެޓްފިކެޓު ދޫކުރި މައްސަލައެއްގައި، އެވިޑް ކޮލެޖު ޖޫރިމަނާކޮށްފިއެވެ.

އެމްކިއުއޭ އިން މި ފިޔަވަޅު އަޅާފައިވަނީ އެ ކޮލެޖުން ތަކުރާރުކޮށް ގަވާއިދާ ހިލާފަށް އަމަލުކުރަމުންދާ ކަމަށް ބުނެއެވެ.

އެމްކިއުއޭ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އެވިޑް ކޮލެޖުގައި ރަޖިސްޓްރީކޮށްފައި ނުވާ ސްރީލަންކާގެ ދަރިވަރުންތަކަކަށް ސަނަދު ދޫކުރި މައްސަލައެއް މިއަހަރުގެ ކުރީކޮޅު ފެންމަތިވި ކަމަށެވެ. އެ މައްސަލައާ ގުޅިގެން އެ މަރުކަޒަށް ނަސޭހަތްތެރިވެ، ފިޔަވަޅު އަޅައި، އެކަން އާންމުކޮށް އިއުލާނުކޮށްފައިވާނެ ކަމަށްވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.

ނަމަވެސް، އެމްކިއުއޭގެ އެންގުންތަކަށް ބެލުމެއްނެތި، އޭގެ ފަހުންވެސް ރަޖިސްޓްރީ ނުކުރާ ދަރިވަރުންތަކަކަށް އެ ކޮލެޖުން ސަނަދު ދީފައިވާކަން އެ އޮތޯރިޓީގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. އެހެންކަމުން، އެ އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ ލަފަޔާއެކު، ދެވަނަ ފިޔަވަޅެއްގެ ގޮތުން އެވިޑް ކޮލެޖު މިހާރު ޖޫރިމަނާކޮށްފައިވާ ކަމަށް ބަޔާނުގައިވެއެވެ.

މި މައްސަލައާ ގުޅޭގޮތުން އެމްކިއުއޭ އިން ބުނީ، އޮތޯރިޓީގެ ގަވާއިދުތަކާ ހިލާފަށް ޕްރޮގްރާމުތައް ހިންގައި ސަނަދު ދޫކުރާނަމަ، ރާއްޖޭގެ މަތީ ތައުލީމު ދޭ މަރުކަޒުތަކާ މެދު އޮތް އިތުބާރު ގެއްލިދާނެ ކަމަށެވެ.

"މިކަމުގެ ސަބަބުން ރާއްޖޭގެ މަތީ ތައުލީމީ ދާއިރާގެ ފެންވަރާމެދު ބައިނަލްއަޤުވާމީ މަސްރަހުގައި އޮންނަ އިތުބާރު ކުޑަވެ، ރާއްޖޭގެ މަރުކަޒުތަކުން ދޫކުރާ ސަނަދުތަކުގެ ސައްހަކަމާމެދު ސުވާލު އުފެދުމުގެ ފުރުސަތު ބޮޑުވޭ،" އެމްކިއުއޭގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މި ފިޔަވަޅަކީ ރާއްޖޭގެ މަތީ ތައުލީމުގެ ފެންވަރު ހިފެހެއްޓުމަށާއި، ދަރިވަރުންނަށް ދޫކުރާ ސަނަދުތަކަކީ ގަބޫލުކުރެވޭ ފެންވަރުގެ ސައްހަ އެއްޗަކަށް ހެދުމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށް އެ އޮތޯރިޓީން މައުލޫމާތު ދެއެވެ.