MTCC

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފ. ނިލަންދޫގައި ކުލަގަދަކޮށް ފާހަގަކޮށްފި

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފ. ނިލަންދޫގައި ބޭއްވި ހަފްލާގައި މެޑަމް ބައިވެރިވަޑައިގަންނަވަނީ--ފޮޓޯ: ރައީސް އޮފީސް

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފ. ނިލަންދޫގައި ކުލަގަދަކޮށް ފާހަގަކޮށްފި

SHARE

ކޮންމެ އަހަރެއްގެ ޖޫން މަހުގެ 7 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް މިއަހަރު ރާއްޖޭގައި ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

ސިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާގެ އިސްނެގުމާއެކު މިއަހަރުގެ މި ދުވަހުގެ ރަސްމީ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ފ. ނިލަންދޫގައެވެ.

މިއަހަރުގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ޝިޢާރަކީ "From burden to solution – safe food everywhere" ނުވަތަ "ބުރައަކުން ހައްލަކަށް – ރައްކާތެރި ކާބޯތަކެތި ހުރިހާ ތަނަކަށް" މިއެވެ.

ނިލަންދޫގައި ބޭއްވުނު މި ދުވަހުގެ ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދުއެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ އާއި، ރަށު ކައުންސިލްގެ ރައީސްގެ އިތުރުން ސިއްޙީ ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގެ ތެރެއިން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) ގެ އައު ލޯގޯ އިފްތިތާހުކޮށްފައިވެއެވެ. އަދި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހިންގާ ފަރާތްތައް އަހުލުވެރިކުރުވުމަށް ތައްޔާރުކޮށްފައިވާ "ސަމާވަރު" ޕްރޮގްރާމް ވެސް ވަނީ އިފްތިތާހުކޮށްފައެވެ.

މި ދުވަހާ ގުޅިގެން ނިލަންދޫގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އޭގެ ތެރޭގައި:

  • ދޮރުން ދޮރަށް ހަރަކާތް: ގޭގޭގައި ކާބޯތަކެތި ރައްކާތެރިކަމާއެކު ތައްޔާރުކޮށް ބޭނުންކުރާނެ ގޮތުގެ މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދީފައިވެއެވެ.
  • ސްކޫލް އެސެމްބްލީ: ދަރިވަރުންގެ މެދުގައި ކާބޯތަކެތީގެ ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްސަ އެސެމްބްލީއެއް ބާއްވާފައިވެއެވެ.

ސިއްޙީ ވުޒާރާއިން ފާހަގަކުރި ގޮތުގައި، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކާބޯތަކެތީގެ ޒަރީޢާއިން ޖެހޭ ބަލިތަކުގައި އަހަރަކު 600 މިލިއަން މީހުން ބަލިވެ، 420,000 މީހުން މަރުވެއެވެ. މީގެ ތެރެއިން 40 އިންސައްތައަކީ 5 އަހަރުން ދަށުގެ ކުޑަކުދިންނެވެ.

އެމް.އެފް.ޑީ.އޭއިން ބުނިގޮތުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ހަމައެކަނި މުއައްސަސާއެއްގެ ޒިންމާއެއް ނޫނެވެ. އެއީ ދަނޑުވެރިންނާއި، އުފައްދާ ފަރާތްތަކާއި، ވިޔަފާރިވެރިންގެ އިތުރުން ކާބޯތަކެތި ބޭނުންކުރާ ހުރިހާ ފަރާތްތަކެއްގެ ގުޅިފައިވާ ޒިންމާއެކެވެ. ރައްކާތެރި މާހައުލެއް ގާއިމުކުރެވޭނީ އުފެއްދުމުން ފެށިގެން ބޭނުންކުރުމާ ހަމައަށް ހިމެނޭ ހުރިހާ މަރުހަލާއެއްގައި ސާފުތާހިރުކަމުގެ މިންގަނޑުތަކަށް އަމަލުކޮށްގެންނެވެ.