MTCC

ފުލުހުންގެ އިދާރީ އޮނިގަނޑު ބަދަލުކޮށް ހިންގުން ހަރުދަނާކުރުމަށް 14 ކޮމާންޑަކަށް ބަހާލައިފި

shaheedh-hussein-adam-building-police-fuluhun-7-of-12-1024x684-1-1024x630

ފުލުހުންގެ އިދާރީ އޮނިގަނޑު ބަދަލުކޮށް ހިންގުން ހަރުދަނާކުރުމަށް 14 ކޮމާންޑަކަށް ބަހާލައިފި

SHARE

ދިވެހި ފުލުހުންގެ ޚިދުމަތުގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާކޮށް، މަސައްކަތުގެ ފެންވަރު މަތިކުރުމުގެ މަގުސަދުގައި އެ މުއައްސަސާގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.

މި އައު އޮނިގަނޑަށް އަމަލުކުރަން ފަށާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. ފުލުހުންގެ މުއައްސަސާއިން ހާމަކުރި ގޮތުގައި، މި ބަދަލަކީ ފުލުހުންގެ ޚިދުމަތް ދިނުމުގައި މިހާރަށްވުރެ ފުރިހަމަ ނަތީޖާއެއް ހާސިލުކުރުމަށާއި، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އަވަސް އަދި ފެންވަރު ރަނގަޅު ކުރުމަށް ގެނެވުނު ބަދަލެކެވެ.

އައު އޮނިގަނޑު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތައް މިހާރު ފެށިގެން ކުރިއަށްދާއިރު، މަގާމުތަކަށް އޮފިސަރުން އައްޔަންކުރުމާއި ހިންގުމުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

މި ބަދަލާއެކު، ފުލުހުންގެ މައިގަނޑު މަސައްކަތްތައް ވަނީ 14 ކޮމާންޑެއްގެ ދަށުން ތަރުތީބުކުރެވިފައެވެ. މީގެ ކުރިން އަމަލުކުރަމުންދިޔަ އޮނިގަނޑުގައި ހިމެނެނީ 17 ކޮމާންޑެވެ. އައު އޮނިގަނޑުގައި ހިމެނޭ 14 ދާއިރާއަކީ:

  1. އޮފީސް އޮފް ދަ ކޮމިޝަނަރ
  2. ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް
  3. ޕްރޮފެޝަނަލް ސްޓެންޑަރޑްސް
  4. ނޭޝަނަލް އިންޓެލިޖެންސް ސަރވިސް
  5. އިންޓަރނަލް ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް ސަޕޯޓް
  6. ފޮރެންސިކް ސަރވިސަސް
  7. ސެންޓްރަލް އިންވެސްޓިގޭޝަންސް
  8. މާލޭ ޕޮލިސް
  9. ހުޅުމާލޭ ޕޮލިސް
  10. ނޮދަން ޕޮލިސް
  11. ސަދަން ޕޮލިސް
  12. ސަރވިސް ޑިވެލޮޕްމަންޓ
  13. ސަރވިސް ސަޕޯޓް
  14. ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ

މި އޮނިގަނޑު ފަރުމާކޮށްފައިވަނީ ތަފާތު ދާއިރާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އޮޕަރޭޝަނަލް ހިންގުން ހަރުދަނާކުރުމަށެވެ. އަދި ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދޭ ފުލުހުންގެ ނިޒާމެއް ގާއިމުކުރުމުގެ އިތުރުން، ޚިދުމަތުގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ދައުރު ފުޅާކުރުމަކީ ވެސް މި ބަދަލުގެ މައިގަނޑު އެއް މަގުސަދެވެ.

މީގެ އިތުރުން، ރާއްޖޭގެ އަމަންއަމާންކަމާއި ރައްކާތެރިކަމުގެ މާހައުލަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް، މުއައްސަސާގެ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުން ކަށަވަރުކުރުމަށް މި އައު އޮނިގަނޑުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށް ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއެވެ.