ބ. މާޅޮހުގައި އަލަށް އިމާރާތްކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައިފިއެވެ.
މިއީ ދިވެހި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދޭ ތަންތަނަކީ ފުލުހުންގެ އަމިއްލަ އިމާރާތްތަކަކަށް ހެދުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ބިނާކުރި މަރުކަޒެކެވެ.
މާޅޮހު ޕޮލިސް ސްޓޭޝަން ހުޅުވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އެ އިމާރާތް ހުޅުވައިދެއްވީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު މުޙައްމަދު އެވެ.
މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި، މާޅޮހު ކައުންސިލުގެ ރައީސް މުޙައްމަދު ޠާރިޤް ޢަބްދުއްރައްޒާޤުގެ އިތުރުން، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި، ރަށު ކައުންސިލް މެންބަރުން އަދި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.
ރަސްމިއްޔާތުގެ ތެރެއިން ޕޮލިސް ސްޓޭޝަންގެ ދިދަ ނަންގަވައިދެއްވީ ވަޒީރު ޢަލީ އިޙްސާން އެވެ. އަދި ފުލުހުންގެ ދިދަ ނަންގަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު މުޙައްމަދު އެވެ. މީގެ އިތުރުން، މި މަޝްރޫޢު ކުރިއަށް ގެންދިއުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއި ބ. މާޅޮހު ކައުންސިލުން ދެއްވި އެހީތެރިކަމުގެ އަގުވަޒަންކޮށް، ވަޒީރު ޢަލީ އިޙްސާން ވަނީ އެ ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައެވެ.
މާޅޮހު ޕޮލިސް ސްޓޭޝަންގެ މަސައްކަތް އެމް.ޓީ.ސީ.ސީ އާ ހަވާލުކޮށްފައިވަނީ 2025 ވަނަ އަހަރުގެ މާރިޗު މަހުއެވެ. އަދި އަމަލީ މަސައްކަތް ފަށާފައިވަނީ ހަމަ އެ އަހަރުގެ ޖުލައި މަހުއެވެ. މި މަޝްރޫޢުގެ ދަށުން ބިނާކުރި އިމާރާތުގައި އިދާރީ ބަޔަކާއި، މުވައްޒަފުން ދިރިއުޅޭނެ އެކޮމޮޑޭޝަން ބްލޮކެއް ހިމެނެއެވެ. އިމާރާތް ހުޅުވުމަށްފަހު، އެ ތަނުގެ ގޯތިތެރޭގައި ވަނީ ގަސް އިންދުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައެވެ.
ބ. މާޅޮހުގައި ފުލުހުން ގާއިމުވެ ޚިދުމަތް ދޭން ފަށާފައިވަނީ 2024 ޖަނަވަރީ 27 ގައެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް، އަމާން މާހައުލެއް ކަށަވަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ސިޔާސަތެކެވެ.