އއ. ފެރިދޫގެ އަމަންއަމާންކަން ދެމެހެއްޓުމަށާއި، ރަށުގެ އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަލަށް ބިނާކުރި ޕޮލިސް ސްޓޭޝަން މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
ފެރިދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ، އޮނަރަބަލް ޢަލީ އިޙްސާން އާއި ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ. މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުޙައްމަދާއި، ފެރިދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޖަމްޝީދުގެ އިތުރުން ކައުންސިލް މެންބަރުންނާއި ސަރުކާރުގެ އެކި އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 2.04 މިލިއަން ރުފިޔާ ޚަރަދުކޮށްގެން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. މި މަޝްރޫޢުގެ ދަށުން ޒަމާނީ ފެންވަރަށް ޕޮލިސް ސްޓޭޝަންގެ ޢިމާރާތް ބިނާކޮށް، ކޮންކްރީޓް މަސައްކަތްތަކާއި، ފިނިޝިންގ މަސައްކަތްތަކުގެ އިތުރުން ކަރަންޓާއި ފެނުގެ ނިޒާމު ވަނީ ފުރިހަމައަށް ޤާއިމުކޮށްފައެވެ.
ގާތްގަނޑަކަށް 850 މީހުންގެ އާބާދީއެއް އޮންނަ ފެރިދޫއަކީ ފަހަކަށް އައިސް ގެސްޓްހައުސް ވިޔަފާރި ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ ރަށެކެވެ. އެހެންކަމުން، ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި ރަށުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މިފަދަ މަރުކަޒެއްގެ މުހިންމުކަން ބޮޑެވެ.
މި ޕޮލިސް ސްޓޭޝަން ހުޅުވުމާއެކު، ރަށުގެ ކުށްމަދުކުރުމަށާއި އަމާން މުޖުތަމަޢެއް ބިނާކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.
މި މަސައްކަތް ނިންމި އެމްޓީސީސީއަކީ 1980 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ޢުމްރާނީ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކުންފުންޏެކެވެ. ވޭތުވެދިޔަ 45 އަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ތަރައްޤީގެ އެތައް މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމައިފައެވެ.
ފެރިދޫގައި މިއަދު ހުޅުވުނު ޕޮލިސް ސްޓޭޝަނަކީ މި ސަރުކާރުން ރަށްރަށުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު ފިޔަވަޅެކެވެ.