MTCC

މާލެ ޓެކްސީ ލައިން އެޕް މިހާރު އެޕަލް ސްޓޯރ އިން ލިބޭނެ

de3efc43-8010-44bc-bf93-e9d6151d0a04-876x584

މާލެ ޓެކްސީ ލައިން އެޕް މިހާރު އެޕަލް ސްޓޯރ އިން ލިބޭނެ

SHARE

މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުން ފަށާ "މާލެ ޓެކްސީ ލައިން"ގެ ހިދުމަތަށް އައިފޯން އެޕްލިކޭޝަނެއް ތައާރަފްކޮށްފިއެވެ.

މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭހެން ގްރޭޓާ މާލެ ރީޖަނަށް ހާއްސަކޮށްގެން ފަށާ މި ހިދުމަތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް 150 ކާރެވެ. މީގެ ތެރެއިން ޗަންގަން އޮޓޯމޮބައިލް ބްރޭންޑްގެ 60 ކާރު މިހާރު ރާއްޖެ ގެނެސްފައިވާއިރު، އިތުރު 90 ކާރު ކުރިއަށް އޮތް ތަނުގައި ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

މި ހިދުމަތް ފެށުމުގެ ތައްޔާރުީތަކުގެ ތެރެއިން، ޓެކްސީ ބުކް ކުރުމަށް ބޭނުންކުރާ މޮބައިލް އެޕްލިކޭޝަން މިހާރު ވަނީ އައިފޯން ބޭނުންކުރާ ފަރާތްތަކަށް އެޕަލް އެޕް ސްޓޯރުން ލިބޭނެ ގޮތް ހަމަޖައްސާފައެވެ. އެމް.ޓީ.އެލް އިން ބުނީ އެންޑްރޮއިޑް ފޯނު ބޭނުންކުރާ ފަރާތްތަކަށް ހާއްސަ އެޕްލިކޭޝަން ވަރަށް އަވަހަށް ޕްލޭ ސްޓޯރަށް ދޫކޮށްލާނެ ކަމަށެވެ. އެހާތަނަށް އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް ވެބް އެޕްލިކޭޝަން މެދުވެރިކޮށް ނުވަތަ ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެން ހިދުމަތަށް އެދެވޭނެއެވެ.

އެމްޓީސީސީން ހާމަކުރި ގޮތުގައި މި ހިދުމަތުގައި ތިން މޮޑަލެއްގެ ކާރު ހިމެނޭނެއެވެ. އޭގެ ތެރޭގައި މާލޭގެ ހަނި މަގުތަކަށް ހާއްސަ، ދަތުރުކުރަން ފަސޭހަ ކުދި ކާރުތައް ހިމެނެއެވެ. މި ޓެކްސީ ލައިންގެ ހިދުމަތް ދުވާލަކު 24 ގަޑިއިރު މެދުކެނޑުމެއްނެތި ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ މާލެ ސަރަހައްދުގައި ޓެކްސީ ހޯދުމަށް ރައްޔިތުން އުފުލަންޖެހޭ ތަކްލީފުތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ. އަދި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، ރައްކާތެރި، އިތުބާރު ހުރި އަދި ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.

އާންމު ރައްޔިތުން މިހާރުވެސް ދެކޭގޮތުގައި، މާލޭގެ މަގުތަކާ ގުޅޭ ފަދަ ކުދި ކާރުތަކެއް މި ހިދުމަތަށް ތައާރަފްކުރުމަކީ ދަތުރުފަތުރުގެ ފެންވަރު ރަނގަޅުވެ، ވަގުތު ސަލާމަތްވުމަށް ލިބޭނެ ބޮޑު ލުޔެކެވެ.