MTCC

ތިން ރައީސުން ކޯލިޝަން ހެދީ ރައީސް މުއިއްޒުއާ ވާދަކުރަން ޓިކެޓު ހޯދަން: މުންދު

01b61166-c3fc-4387-b57b-8b44dbb9fd58

ތިން ރައީސުން ކޯލިޝަން ހެދީ ރައީސް މުއިއްޒުއާ ވާދަކުރަން ޓިކެޓު ހޯދަން: މުންދު

SHARE

ކުރީގެ ތިން ރައީސުން ގުޅިގެން މަސައްކަތް ކުރެއްވުމަށް ނިންމީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާ ވާދަކުރައްވާނެ ކެންޑިޑޭޓެއްގެ ޓިކެޓު ކަށަވަރުކުރުމަށް ކުރައްވާ މަސައްކަތެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

ޕްރެސާ ވިތް ދަ ސްޕޮކްސްގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، ފާއިތުވި ދެ އަހަރެއްހާ ދުވަހު ސިޔާސީ މައިދާނުން އެކަހެރިވެވަޑައިގެން ތިއްބެވި ބޭފުޅުން ކުއްލި ގޮތަކަށް ސަރުކާރަށް ފާޑުވިދާޅުވާން ފެއްޓެވީ ވަކި ސިޔާސީ މަގްސަދެއް ހާސިލުކުރެއްވުމަށް ކަމަށެވެ. އަދި އިދިކޮޅު ޕާޓީ، އެމްޑީޕީގެ ތެރޭގައި ވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކާ މެދު މިހާރު ވެސް ވަނީ ސުވާލު އުފެދިފައި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑަށް ވިސްނޭ ގޮތުގައި އެ ބޭފުޅުން އެ އުޅުއްވަނީ 2028 ގައި އަޅުގަނޑުމެންގެ ރައީސް އިރާދަކުރެއްވިއްޔާ ދެވަނަ ދައުރަކަށް އެދިވަޑައިގެން ރައްޔިތުންނާ ހަމައަށް ނުކުމެވަޑައިގަންނަވާއިރު، އެމަނިކުފާނާއި ވާދަކުރައްވާނެ ޓިކެޓުތައް ހޯދުމުގެ ނިޔަތުގައި އުޅޭ އުޅުމެއް މިއީ." މުންދު ވިދާޅުވި އެވެ.

ކުރީގެ ރައީސުން ނަޝީދް، ޔާމީން އަދި އިބޫ ގުޅިގެން މަސައްކަތް ކުރައްވަން ނިންމެވިކަން އިއުލާން ކުރެއްވީ، ކޯޓު އަމުރަކާ ހިލާފުވެގެން ހައްޔަރުކުރި ނޫސްވެރިންގެ މައްސަލައިގައާއި، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަމަށް ބުނެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ދެކޮޅަށެވެ. ނަމަވެސް، އެ ތިން ރައީސުންގެ ވެރިކަމުގެ ތަޖުރިބާއަށާއި، އެ ބޭފުޅުންނަށް ދެވަނަ ދައުރެއް ދިނުމަށް ރައްޔިތުން އިންކާރުކޮށްފައިވާކަން ފާހަގަކުރައްވައި، މުންދު ވަނީ އެ ބޭފުޅުންގެ މި އިއްތިހާދުގެ  އިހްލާސްތެރިކަމާ މެދު ސުވާލު އުފައްދަވާފަ އެވެ.