MTCC

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް މަޖިލީހުން ފާސްކޮށްފި

img_md_202510130146201760345180.9832

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް މަޖިލީހުން ފާސްކޮށްފި

SHARE

ރާއްޖޭގައި އިންސާނުންގެ ގުނަވަންތައް ބަދަލުކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް މަގުފަހިކޮށްދޭ އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރިޔާސަތު ބެލެހެއްޓެވި މިއަދުގެ ޖަލްސާގައި މި ބިލް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ އިއްތިފާގުންނެވެ. ބިލް ފާސްކުރުމުގެ ކުރިން، މި ބިލް ދިރާސާކުރި ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވެއެވެ.

މި ބިލުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ގާނޫނީ އޮނިގަނޑު އެކުލަވާލައި، އެ ހިދުމަތަކީ އެންމެންނަށް ވާސިލުވެވޭނެ، ރައްކާތެރި އަދި ދެމެހެއްޓެނިވި ހިދުމަތަކަށް ހެދުމެވެ. އަދި ހިދުމަތް ދޭ ފަރާތްތަކާއި ލިބިގަންނަ ފަރާތްތަކުގެ ހައްގުތަކާއި ޒިންމާތައް މި ގާނޫނުގެ ދަށުން ސާފުކޮށް ކަނޑައެޅިގެންދާނެއެވެ.

މި ބިލުގެ ދަށުން ހުއްދަ ދެވޭނީ ހަމައެކަނި "ލައިވް-ޑޯނާ" ނުވަތަ ދިރިހުރި މީހެއްގެ ފަރާތުން ގުނަވަން ހަދިޔާކޮށްގެން ކުރާ ޓްރާންސްޕްލާންޓްތަކަށެވެ. ގުނަވަން ހަދިޔާކުރާ ފަރާތަކީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކަށް ވާންޖެހޭއިރު، އެކަން ކުރަންވާނީ އެއްވެސް މަޖުބޫރުކަމެއް ނެތި އަމިއްލަ އިހުތިޔާރުގައެވެ. ނަމަވެސް، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނާއި ހުކުމެއް ތަންފީޒު ކުރަމުންދާ މީހުންނަށް ގުނަވަން ހަދިޔާ ނުކުރެވޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ބިލުގެ ދަށުން މި ދާއިރާ ރެގިއުލޭޓް ކުރުމަށްޓަކައި 9 މެންބަރުންގެ މައްޗަށް އެކުލެވޭ "ގުނަވަން ޓްރާންސްޕްލާންޓް ކައުންސިލް" އެއް އުފެއްދުމަށް ވަނީ ހަމަޖެހިފައެވެ. މި ކައުންސިލްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިދުމަތް ދިނުމުގެ ހުއްދަ ދިނުމާއި، ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އެޅުން ހިމެނެއެވެ. މީގެ އިތުރުން، ޓްރާންސްޕްލާންޓް ކުރުމުގެ ހުއްދަ ދިނުމަށްޓަކައި 5 މެންބަރުންގެ "އޮތޮރައިޒޭޝަން ކޮމިޓީ" އެއްވެސް އުފައްދާނެއެވެ.

ޓްރާންސްޕްލާންޓް ކުރުމުގެ އިޖުރާއަތްތައް ކުރިއަށްދާނީ ހާއްސަ ޑޮކްޓަރުންގެ ލަފާގެ މަތިން، ހޮސްޕިޓަލްތަކުގެ ކްލިނިކަލް އަދި އެތިކްސް ކޮމިޓީތަކުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އޮތޮރައިޒޭޝަން ކޮމިޓީގެ ފަހުގެ ހުއްދަ ލިބިގެންނެވެ.

މި ބިލުގައި ގުނަވަން ވިއްކުމާއި ގަތުން ފަދަ ކަންކަމަކީ ބޮޑެތި ކުށްތަކެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އަދި މީހެއްގެ ރުހުމާ ނުލައި ގުނަވަން ނެގުމާއި، ލައިސަންސް ނެތި ހިދުމަތް ދިނުމާއި، ސައްހަ ނޫން މައުލޫމާތު ހުށަހެޅުން ފަދަ ކަންކަމަށް ހަރުކަށި އަދަބުތަކާއި އިދާރީ ފިޔަވަޅުތައް ބިލުގައި ހިމަނާފައިވެއެވެ.