މިއަދު ފާހަގަކުރަމުންދާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި، ދިވެހި ކޮންމެ ކުއްޖަކީ އިސްލާމީ ރިވެތި އަހުލާގާއި ދިވެހިވަންތަ އާދަކާދަތަކަށް ލޯބިކުރާ، މުޖުތަމައަށް ބޭނުންތެރި ކުއްޖަކަށް ހެދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
މި ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ޚިތާބުގައި ވިދާޅުވީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި، އެކުދިންނަށް އުފާވެރި އަދި އަމާން މާހައުލެއް ބިނާކޮށްދިނުމަކީ މިއަދު އަޒުމް އާކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ކުދިން ހެދިބޮޑުވަމުން އަންނަ މަރުހަލާގައި އާއިލާގެ ފަރާތުންނާއި ސްކޫލް މާހައުލުން ލިބޭ ލޯތްބާއި، އޯގާތެރިކަމާއި، އިރުޝާދަކީ އެކުދިންގެ މުސްތަގުބަލް ބައްޓަންކުރުމުގައި އެންމެ މުހިންމު ދައުރު އަދާކުރާނެ ކަންތައްތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"މިއަދުގެ ކުޑަކުދިންނަކީ، މާދަމާ ގައުމާ ހަވާލުވާނެ ޒުވާނުން ކަމުގައި ވީހިނދު، އެ ކުދިންނަކީ އިސްލާމީ ރިވެތި އުސޫލުތަކާއި ދިވެހިވަންތަ އާދަކާދަތަކަށް އަހުލުވެރިވެފައިވާ، އަހްލާގު ރަނގަޅު ބަޔަކަށް ހެދުމަށް އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ،". ރައީސް ވިދާޅުވެފައި ވެއެވެ
ކުޑަކުދިންނަކީ މާދަމާ ގައުމުގެ ޒިންމާ އުފުލާނެ ޖީލުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ކުދިންނަށް ފެންވަރު ރަނގަޅު ތައުލީމާއި ސިއްހީ ފަރުވާ ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ އެންމެ އިސް އެއް ސިޔާސަތު ކަމަށެވެ. އަދި ކޮންމެ ކުއްޖަކީވެސް ތައުލީމީ ނިޒާމުގެ ތެރެއިން ކުރިއަށް ދިއުމުގެ ފުރުސަތު ލިބިފައިވާ ކުއްޖެއްކަން ކަށަވަރުކުރުމަށް ދައުލަތުން ހާއްސަ އަހަންމިއްޔަތުކަމެއް ދޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ކުޑަކުދިންނަށް ކުރިމަތިވާ އެކި ބާވަތުގެ ގޯނާތަކުން އެކުދިން ސަލާމަތްކޮށް، ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. ހާއްސަކޮށް އޮންލައިން ދުނިޔޭގައި ކުދިންނަށް ކުރިމަތިވާ އާ ނުރައްކާތަކަށް ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ރައީސް ޑރ. މުއިއްޒުގެ ހިތާބު ނިންމަވާލެއްވީ، ޒަމާނީ ވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ކުދިންނަށް މަގުދައްކައިދީ، ދުޅަހެޔޮ އަދި ވިލުންތެރި ޖީލެއް ބިނާކުރުމަށް މުޅި މުޖުތަމައު ގުޅިގެން މަސައްކަތް ކުރުމަށް ބާރުއަޅުއްވަމުންނެވެ.