ކުޑަކުދިންނަށް ތައުލީމާއި މުނިފޫހިފިލުވުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ބޭނުންކުރާ ޒަމާނީ ވަސީލަތްތަކުގެ ސަބަބުން، އެ ކުދިންގެ ހެދިބޮޑުވުމަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ކޮންމެ އަހަރެއްގެ މޭ މަހުގެ 10 ވަނަ ދުވަހު ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި ރައީސް ވިދާޅުވީ، އޮންލައިން ދުނިޔޭގެ ތެރެއިން ކުޑަކުދިންނަށް އައު އަދި ނުރައްކާތެރި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. ޚާއްޞަކޮށް، ތައުލީމީ ބޭނުންތަކަށާއި މުނިފޫހިފިލުވުމަށް ކުދިންގެ އަތަށް ދެވޭ ޑިޖިޓަލް ވަސީލަތްތަކުގެ ސަބަބުން، ބައެއް ކުދިންނަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކާއި ނުރައްކާތައް ކުރިމަތިވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޒަމާނީ ތައުލީމާއި އަދި މުނިފޫހިފިލުވުމުގެ ފުރުސަތު ފަހިކުރުމަށް އެ ކުދިންގެ އަތަށް ދޭ ޒަމާނީ ވަސީލަތްތަކުގެ ސަބަބުން، ބައެއް ކުދިންނަށް އިއާދަނުކުރެވޭ މިންވަރުގެ ބޮޑެތި ނުރައްކާތައް ދަނީ ކުރިމަތިވަމުންނެވެ،" ރައީސް ވިދާޅުވިއެވެ.
މި ނުރައްކާތަކުން ކުދިން ސަލާމަތްކުރުމަށްޓަކައި، ބެލެނިވެރިންނާއި މުދައްރިސުން އައު ވިސްނުމަކުން ވިސްނައި، ކުދިންގެ ސަލާމަތަށް އިސްކަންދިނުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ކުދިން ހެދިބޮޑުވަމުން އަންނައިރު އާއިލާގެ ތެރެއިންނާއި ސްކޫލު މާހައުލުން ލޯތްބާއި އޯގާތެރިކަން ލިބުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. އަދި ކުދިންނަށް ހިތްވަރުދީ، ރަނގަޅު މަގު ދައްކައިދިނުމަކީ މުޖުތަމައުގެ ކޮންމެ ބޮޑު މީހެއްގެ މައްޗަށް އޮތް ވާޖިބެއްކަންވެސް ރައީސް ވިދާޅުވިއެވެ.
"މިއަދުގެ ކުޑަކުދިންނަކީ، މާދަމާ ގައުމާ ހަވާލުވާނެ ޒުވާނުން ކަމުގައި ވީހިނދު، އެ ކުދިންނަކީ އިސްލާމީ ރިވެތި އުސޫލުތަކާއި ދިވެހިވަންތަ އާދަކާދަތަކަށް އަހުލުވެރިވެފައިވާ، އަޚުލާގު ރަނގަޅު ބަޔަކަށް ހެދުމަށް އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހެއެވެ،" ރައީސް ވިދާޅުވިއެވެ
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިއަދުގެ ކުޑަކުދިންނަކީ މާދަމާ މި ގައުމުގެ ޒިންމާތަކާ ހަވާލުވާނެ ޒުވާނުންނެވެ. އެހެންކަމުން، އެ ކުދިންނަކީ އިސްލާމީ ރިވެތި އުސޫލުތަކަށް ބޯލަނބާ، ދިވެހިވަންތަ އާދަކާދަތަކަށް ލޯބިކުރާ، އަޚުލާގު ރަނގަޅު ބަޔަކަށް ހެދުމަށްޓަކައި ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، ކުޑަކުދިންނަށް ބޭނުންވާ ފެންވަރު ރަނގަޅު ސިއްހީ ފަރުވާއާއި ތައުލީމު ކަށަވަރުކޮށްދިނުމަކީ ސަރުކާރުން އަބަދުވެސް އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށެވެ. އަދި ރާއްޖޭގެ ކޮންމެ ކުއްޖަކީ ވެސް ސްކޫލް ނިޒާމުގެ ތެރެއިން ހަމަހަމަ ފުރުސަތުތަކެއް ލިބިގެން ކުރިއަށްދާ ކުއްޖެއްކަން ކަށަވަރުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، ކުޑަކުދިންނަށް ކުރިމަތިވާ އެކި ބާވަތުގެ ގޯނާތަކާއި އިހުމާލުވުމުގެ އަމަލުތަކުން އެ ކުދިން ރައްކާތެރިކުރުމަކީ ދައުލަތުގެ އެންމެ އިސް އެއް މަސްއޫލިއްޔަތު ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ކުދިންނަށް އަމާން އަދި ސަލާމަތްތެރި މާހައުލެއް ގާއިމުކޮށްދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ސަރުކާރުން ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު މިއަދު ވަނީ ދެއްވާފައެވެ.