MTCC

ސިފައިންގެ އާއިލާތަކަށް އުފާވެރި ޚަބަރެއް: ބޯހިޔާވަހިކަމާއި ވަޒީފާގެ ކުރިއެރުން ކަށަވަރުކޮށްދެއްވަނީ

HH5FZy0bMAAJwRR

ސިފައިންގެ އާއިލާތަކަށް އުފާވެރި ޚަބަރެއް: ބޯހިޔާވަހިކަމާއި ވަޒީފާގެ ކުރިއެރުން ކަށަވަރުކޮށްދެއްވަނީ

SHARE

ދިވެހި ސިފައިންނާއި އެބޭފުޅުންގެ އާއިލާތަކަށް ހައްގުވާ މިންވަރު ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެމަނިކުފާނުގެ ބޮލުގައި އެޅިފައިވާ ދީނީ އަދި ގައުމީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތުގައި ކާމިޔާބީ ހާސިލްކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ދިވެހި ސިފައިންގެ ޚިދުމަތަށް 132 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށް ސިފައިން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، އެމީހުންނަށް ބޭނުންވާ ވަސީލަތްތަކާއި އިނާޔަތްތައް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އިސް ސިޔާސަތެއް ކަމަށެވެ. މިގޮތުން، ސިފައިންގެ ޚިދުމަތާއި ވަކިވަކި ސިފައިންގެ ތަރައްޤީއަށް ގިނަގުނަ މަޝްރޫޢުތަކެއް ރާވާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ދިވެހި ސިފައިންނާއި އެބޭފުޅުންގެ އާއިލާތަކަށް ޙައްގުވާ މިންވަރު ކަށަވަރުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެމަނިކުފާނުގެ ކަނޑައެޅިގެންވާ ޒިންމާއެއް ކަމަށާއި، އެ ޒިންމާ ފުރިހަމައަށް އަދާކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

"ސިފައިންގެ ޚިދުމަތުގައި ތެދުވެރިކަމާއި އިޚްލާސްތެރިކަމާއެކީގައި ޚިދުމަތް ކުރަމުންދާ ސިފައިންގެ މީހުންނަށް އަދި ރޭންކުގައި ވަކި މުއްދަތެއްވިޔަސް އަދި ލިމިޓޭޝަން މިހާރު އޮތްގަވާއިދުގެ ތެރެއިން ހަމަވާގޮތަށް އޮތްއޮތުން އެއީ ބަދަލުވާންޖެހޭ ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން. އިރާދަކުރެއްވިއްޔާ އެގޮތަށް ބަދަލުކޮށްދީ ސިފައިންގެ ޚިދުމަތްކުރުމުގައި ދެމި ހުރެވޭނެ ގޮތް އިރާދަކުރެއްވިއްޔާ ހަދަން ގަސްތުކުރަން. އެގޮތަށް ބަދަލުކޮށްދޭނަން،" ރައީސް ވިދާޅުވިއެވެ.

ސިފައިންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި ރައީސް އިޢުލާނުކުރެއްވި އެންމެ މުހިންމު އެއް ކަމަކީ ބޯހިޔާވަހިކަމުގެ މަޝްރޫޢެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މާލޭގެ ބަނޑޭރިކޮށި ސަރަހައްދުގައި ޒަމާނީ ހައުސިންގ މަޝްރޫޢެއް ކުރިއަށް އޮތް 8 މަސްދުވަހުގެ ތެރޭގައި ފެށިގެންދާނެއެވެ. އަދި ސިފައިންނަށް ޚާއްޞަކޮށްގެން ހުޅުވާލާ ބޯހިޔާވަހިކަމުގެ ފުރުސަތުތައް އިތުރުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، ސިފައިންގެ ޤާނޫނާއި ޤަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ޚާއްޞަކޮށް، ވަކި މުއްދަތެއްވުމުން ރިޓަޔަރ ކުރަންޖެހޭ އުސޫލުތަކާއި، ރޭންކުތަކުގައި ތިބެވޭ މުއްދަތަށް ހުރި ހުރަސްތައް ނައްތާލައި، އިޚްލާސްތެރިކަމާއެކު ޚިދުމަތްކުރާ ސިފައިންނަށް ގިނަ ދުވަހު ޚިދުމަތުގައި ދެމިތިބެވޭނެ މަގު ފަހިކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވިއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ކޮމާންޑު ސެންޓަރުތައް ތަރައްގީކޮށް، ސިފައިންގެ މީހާގެ އާއިލާ ދިރިއުޅޭ ރަށަކާ އެންމެ ކައިރި ސެންޓަރެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިކަމަށްޓަކައި ސިފައިންގެ ފައުޖު އިތުރަށް ބޮޑުކުރަން ޖެހޭތީ، އެކަމަށް ބޭނުންވާ ބަޖެޓު މިހާރު ހަމަޖެހިފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަހަރަކު 70,000 އާއި 90,000 އާ ދެމެދުގެ އަދަދަކަށް ބޯޓުފަހަރު ދަތުރުކުރުމަކީ އިންޑިއާ ކަނޑުގެ މުހިންމު ކަނޑުއޮޅިތަކުގެ ކޮންޓްރޯލް ރާއްޖެއަށް އޮތްކަމުގެ ހެއްކެއް ކަމަށެވެ.

ހިލްމީ ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ މިނިވަންކަމަށް އޮތް ނުރައްކާތައް ކަމުގައިވާ ކަނޑުފޭރުމާއި، ޓެރެރިޒަމް އަދި ވަގު ވިޔަފާރި ފަދަ ކަންކަމުން ޤައުމު ދިފާއުކުރުމަށްޓަކައި ރައީސް މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ދިފާއީ ސިޔާސަތުގެ ދަށުން، ދިވެހި އަސްކަރިއްޔާ އަންނަނީ މިއިން ޒަމާނަކު ނުދެކޭ ފަދަ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ. ވަކި ގައުމަކަށް ބަރޯސާނުވެ، އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ އަސްކަރިއްޔާއަކަށް ދިވެހި ސިފައިން ހެއްދެވުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅު އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ގިރިފުށި ތަރައްގީކުރުމާއި، އުތުރާއި ދެކުނުގައި ސިފައިން ތަމްރީނުކުރާ މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތްވެސް މި ސަރުކާރުން ބާރުމިނުގައި ކުރިއަށްގެންދާނެކަމުގެ ޔަގީންކަން މި ޖަލްސާގައި ވަނީ ދީފައެވެ.