MTCC

ސިފައިން މަސައްކަތް ކުރަނީ އަމިއްލަ ނަފުސަށްވުރެ ގައުމު އިސްކޮށްގެން: ރައީސް

HH5USbBbwAA_hfm

ސިފައިން މަސައްކަތް ކުރަނީ އަމިއްލަ ނަފުސަށްވުރެ ގައުމު އިސްކޮށްގެން: ރައީސް

SHARE

ދިވެހި ސިފައިންނަކީ އަމިއްލަ ނަފުސަށްވުރެ ޤައުމު އިސްކޮށްގެން، ނުހަނު ބުރަ މަސައްކަތްތަކެއް ކުރައްވާ ބައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި، އެމަނިކުފާނު މަޤާމާ ޙަވާލުވެވަޑައިގެން ފުރަތަމަ ދުވަހު ޤައުމާ މުޚާޠަބު ކުރެއްވިއިރުވެސް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަކީ "ރަތް ރޮނގެއް" ކަމަށް ވިދާޅުވި ވާހަކަފުޅު ތަކުރާރު ކުރެއްވިއެވެ. އަދި އެ ރަތް ރޮނގު ސަލާމަތްތެރިކަމާއެކު ހިމާޔަތްކޮށް ދަމަހައްޓައިދެނީ ސިފައިން އަމިއްލަ ނަފުސާއި އާއިލާތަކަށްވުރެ ޤައުމު އިސްކޮށްގެން ކުރާ މިންނެތް މަސައްކަތުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތަކީ ރަތްރޮގު ސަލާމަތްތެރިކަމާއެކީގައި ހިމާޔަތްކޮށްދީ ދަމަހައްޓައިދެނީ ތިޔަ ލޮބުވެތި ސިފައިން، އަމިއްލަ ނަފްސަށްވުރެ ގައުމު އިސްކުރައްވައިގެން ތިކުރައްވާ ބުރަ މަސައްކަތުން. އާއިލާތައް ކަނޑައްތުކުރަމުން އެދާ ތަހައްމަލްކުރަމުންދާ ހުރިހާ ގުރުބާނީތަކާ ހުރިހާ ކަމެއްގެ ނަތީޖާއަކީ ތިޔަ ލޮބުވެތި ސިފައިންގެ މިންނެތް މަސައްކަތް ދިވެހި ލޮބުވެތި ރައްޔިތުންނަށް ލިބިގެން ދިޔުން.،" ރައީސް ވިދާޅުވިއެވެ.

ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ޖަލްސާގެ ތެރެއިން—ފޮޓޯ: ރައީސް އޮފީސް

ސިފައިންގެ ޤާބިލިއްޔަތުކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ވޭތުވެދިޔަ ދުވަސްތަކުގައި ސިފައިންގެ ޚިދުމަތް ފުރިހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. މީގެ ތެރޭގައި ސިފައިންގެ ކޮންމެ މީހަކަށް ލިބިދޭންޖެހޭ ޙައްޤުތަކާއި، ޚިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށްދިނުމާއި، އުމްރާނީ ބޮޑެތި މަސައްކަތްތަކާއެކު ސިފައިންގެ ޚިދުމަތް ފުޅާކުރުން ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެއަކީ އާބާދީގެ ގޮތުން ކުޑަ ޤައުމެއް ނަމަވެސް، ރާއްޖެއަކީ އިންޑިއާ ކަނޑުގެ ވަރަށް ބޮޑު ސަރަޙައްދެއް ހިމެނޭ ބޮޑު ޤައުމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. ނަމަވެސް މިއަދާ ހަމައަށް ޤައުމުގެ މި ބޮޑު ސަރަޙައްދު ބެލެހެއްޓުމުގެ ޒިންމާ އަދާކުރުމަށް ސިފައިންގެ ޚިދުމަތް އޮތީ އެންމެ ރަނގަޅު ފެންވަރުގައި ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ޖަލްސާގެ ތެރެއިން—ފޮޓޯ: ރައީސް އޮފީސް

މިކަން އިޞްލާޙުކޮށް، އަމިއްލަވަންތަކަމާއެކު ޤައުމުގެ ސަރަޙައްދު ބެލެހެއްޓޭނެ ޤާބިލިއްޔަތުކަން މިހާރު އިތުރުކުރަން ފަށާފައިވާ ކަމަށާއި، އަންނަން އޮތް ޖީލުތަކަށް ސިފައިންގެ ޚިދުމަތް ވަރުގަދަކޮށް، ޒިންމާ އަދާކުރެވޭނެ ވަސީލަތްތައް ޤާއިމުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު އާއި ސަރުކާރުގެ އިސްވެރިންނާއި ސިފައިންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ޖަލްސާގެ ތެރެއިން ރާއްޖޭގެ އަސްކަރީ ތާރީޙު ދައްކުވައިދޭ ރިޕޯޓަކާއި ވީޑިއޯ ޕްރެޒެންޓޭޝަނެއް ވަނީ ދައްކާފައެވެ. މީގެ އިތުރުން، ގިނަ ދުވަހު ޚިދުމަތްކުރެއްވި ސިފައިންގެ އަގު ވަޒަންކުރުމަށް ޚާއްސަ މެޑަލިވެސް މިޖަލްސާގައި ވަނީ ދެއްވާފައެވެ.