ށ. މިލަންދޫގައި މި ސަރުކާރުން ގާއިމުކުރަން ނިންމާފައިވާ އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކައި ނިންމާލީ ރެކޯޑު މުއްދަތެއްގައި ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، މިލަންދޫގައި ބައިނަލްއަޤްވާމީ ފެންވަރުގެ އެއަރޕޯޓެއް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ އެންމެ މުހިންމު އެއް މަރުޙަލާ ކަމަށްވާ ބިން ހިއްކުމުގެ މަސައްކަތް ރެކޯޑް މުއްދަތެއްގެ ތެރޭގައި މިވަނީ ނިންމާފައެވެ.
އެމްއޭސީއެލްއިން ހާމަކުރި އެންމެ ފަހުގެ ތަފްޞީލުތަކަށް ބަލާއިރު، މިލަންދޫ އެއަރޕޯޓަށް ބޭނުންވާ 21 ހެކްޓަރުގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ވަނީ ކަނޑައެޅިފައިވާ ތާވަލަށްވުރެ މާ އަވަހަށް ނިންމާލާފައެވެ. މި މަސައްކަތް ނިންމާލާފައިވަނީ މެއި މަހުގެ 4 ވަނަ ދުވަހުއެވެ.

މި މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ދުނިޔޭގެ އެންމެ ބިޔަ އެއް ޑްރެޖަރު ކަމަށްވާ "ކުއިން އޮފް ދަ ނެދަލޭންޑްސް" ބޭނުންކޮށްގެންނެވެ. 35,000 ކިއުބިކް މީޓަރުގެ ވެލި އުފުލުމުގެ ޤާބިލުކަން ހުރި މި ޑްރެޖަރުން ވަނީ އެޕްރީލް 3 އިން ފެށިގެން އެންމެ 31 ދުވަހުގެ ތެރޭގައި ޖުމްލަ 1,134,534 ކިއުބިކް މީޓަރުގެ ވެލި ބިން ހިއްކުމަށް އަޅާފައެވެ.
މިލަންދޫ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި
އެއަރޕޯޓް ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ޖުމްލަ 25.90 ހެކްޓަރުގެ ބިމުގެ ތެރެއިން، 21 ހެކްޓަރަކީ މުޅިން އަލަށް ހިއްކި ބިމެވެ. އަދި ބާކީ 4.9 ހެކްޓަރަކީ ރަށުގެ އެއްގަމުން ރުއްގަސް ނަގައިގެން އެއަރޕޯޓަށް ބޭނުންވާ ގޮތަށް ތައްޔާރުކުރި ސަރަޙައްދެވެ.
އެމްއޭސީއެލްއިން ބުނި ގޮތުގައި ބިން ތައްޔާރުކުރުމުގެ މި މަރުޙަލާ މިހާރު ވަނީ 100 އިންސައްތަ ފުރިހަމަވެފައެވެ.